ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ތިލަދުންމަތީ އުތުރުބުރީ އުތީމަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

އުތީމު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީގެ ބޭނުންތަކާއި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އުތީމު ކައުންސިލުން ވަނީ، ރަށު ބަނދަރާއި ބަންޑާރަ މިސްކިތުގެ މަސައްކަތް އަވަސް ފުރުސަތެއްގައި ފެށިގެން ދިއުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ. ކައުންސިލް މެންބަރުން ވަނީ ސްޓޭޓް ހައުސްގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުންފިލުއްވައި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ރަށު ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، އެ ރަށު ސިއްހީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުކަމަށާއި މުވައްޒަފުންގެ ދަތިކަން އޮތް މިންވަރު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެއިތުރުން، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އުތީމުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މި އަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.