ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ބޭނުންވާ އުޅަނދު އެކުންފުންޏާ ހަވާލުކޮށްފިއެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ ގިނަ ރަށްރަށަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައެވެ. އެގޮތުން މިއަހަރުވެސް ގިނަ ރަށްރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޚިދުމަތް ފެށުމަށާއި އެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އުޅަނދުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާކަމަށާއި، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްއާކަމަށް އެ ވުޒާރާއިން ބުންޏެވެ.

The Ministry has officially handed over 10 island pickup vehicles (Rashu Pickups) and 12 pickup trucks (with 350 kg capacity) to @WAMCOmv. The vehicles form part of the equipment procured to support the commencement and expansion of WAMCO’s waste management services in atoll… pic.twitter.com/9fqJvQPFmx
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 14, 2026
އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބަން ސެންޓަރުތަކުގައި މިހާރު ކުނީގެ ޚިދުމަތް ދެމުންދަނީ ކައުންސިލްތަކުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ވެމްކޯއިން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި މި ހަވާލުކުރެވުނު އާލާތްތަކަކީ އެ މަސައްކަތް ފެށުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ކަމަށް އެ ވުޒާރައިން ބުންޏެވެ. މިހާރު ހަވާލުކުރި 10 ރަށުޕިކަޕާއި 350 ކިލޯގެ ބަރުދަން އުފުލޭ 12 ޕިކަޕުގެ އިތުރުން މިމަހުގެތެރޭގައި ވެސް އިތުރު އުޅަނދުތައް ގެނެސް ވެމްކޯއާ ހަވާލުކުރާނެވެސް ބުންޏެވެ.
އަތޮޅުތަކުގައި ވެމްކޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.








ކިޔުންތެރިންގެ ހިޔާލު