ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބޮޑުކޮށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސްއިން އަލުން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
މި ޕްރޮޖެކްޓް އަމަލީ ގޮތުން ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މަސައްކަތާ ހަވާލުވާނެ ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ އެއާޕޯޓު މަޝްރޫއެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީގެ ޕްރޮޖެކްޓްތައް ހިންގުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއާޕޯޓުގެ ހިންގުމާއި އިތުރު ތަރައްގީގެ މަސައްކަތްތައް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ އެކެއްގައެވެ.
އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ މީގެ ކުރިން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން އޮޕަރޭޓުކުރަމުން ދިޔަ އެއާޕޯޓެކެވެ. ބާ އަތޮޅުގެ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ދަތުރުކުރާ ފަތުރުވެރިންނާއި އާންމުން ބޮޑުއިންސައްތައަކުން ބޭނުންކުރާ މި އެއާޕޯޓަށް މިހާރުވެސް ދުވާލަކު އަށް ފްލައިޓަށް ވުރެ ގިނައިން ޖައްސައެވެ.








ކިޔުންތެރިންގެ ހިޔާލު