މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ބަނދަރާއެކު، ރާއްޖެއަށް މުދާ އެތެރެކުރުމުގެ އޮޕަރޭޝަންތައް ފުޅާވެ މުދާ ހުސްކުރާ މުއްދަތު ދެ ދުވަހަށް އަވަސްވެގެންދާނެއެވެ.
މި މަޝްރޫއަކީ ރާއްޖެއަށް އެތެރެކުރާ މުދާ އުފުލުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ރާއްޖެއަކީ 90,000 އަށްވުރެ ގިނަ ބާވަތުގެ މުދާ ބޭރުން އެތެރެކުރާ ގައުމަކަށްވާއިރު، އެ މުދަލުގެ ބޮޑު ބަޔެއް މިހާރު ބާލަނީ މާލޭ ބަނދަރަށެވެ.
ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ 100 މީޓަރުގެ މަގަތުފާލަން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު އަންނަނީ ކުރިއަށްގެންދަމުންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އަމާޒަކީ މި އަހަރުގެ ފަހުކޮޅު މި މަގަތުފާލަން ބޭނުންކުރަން ފެށުމެވެ. މުޅި މަޝްރޫއު ނިމޭއިރު 1,400 މީޓަރުގެ ބައިނަލްއަގުވާމީ މަގަތުފާލަމެއް ގާއިމުކުރެވިގެންދާނެއެވެ.

މިހާރު މާލޭ ބަނދަރުގައި އޮތީ 100 މީޓަރުގެ ދިގުމިނާއި 9 މީޓަރުގެ ފުންމިން ހުރި މަގަތުފާލަމެކެވެ. ޖާގަ ކުޑަވުމުގެ ސަބަބުން ބޮޑެތި އާގުބޯޓުފަހަރު ބަނދަރާ ކައިރިނުކުރެވި، ބޭރުގައި ބަހައްޓައިގެން މުދާ ހުސްކުރަންޖެހެއެވެ. ނަމަވެސް ތިލަފުށީގެ އާ ބަނދަރުގެ ފުންމިނުގައި 14 މީޓަރު ހުންނާނެތީ، ބޭރުގައި އޮޑިފަހަރު ބަހައްޓައިގެން މުދާ ބޭބޭލުން މުޅިން ހުއްޓާލެވޭނެއެވެ.
އާ ބަނދަރާއެކު ސީ-ޓު-ޝޯ ކްރޭނާއި މޯބައިލް ހާބަރު ކްރޭންތައް ބޭނުންކުރަން ފެށުމުން މުދާ އަވަހަށް ހުސްކުރެވޭނެއެވެ. މިހާރު މާލޭ ބަނދަރުގައި އަހަރަކު ހޭންޑްލް ކުރެވެނީ 80,000 ޓީއީޔޫގެ ކޮންޓެއިނަރެވެ. ތިލަފުށީ ބަނދަރާއެކު އެ އަދަދު 390,000 އަށް އިތުރުވެގެންދާނެއެވެ.
މީގެއިތުރުން އާގުބޯޓެއް ހުސްކޮށް ފުރުވާލުމަށް މިހާރު ނަގާ 10 ދުވަހާއި 14 ދުވަހުގެ މުއްދަތު ދެ ދުވަހަށް ކުޑަވެގެންދާނެއެވެ. މި ބަނދަރަކީ ސައްތައިން ސައްތަ ދިވެހިންގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާނެ ބަނދަރެއްކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.








ކިޔުންތެރިންގެ ހިޔާލު