އެންޓި ސްކޭމް ސެންޓަރު ވުޖޫދުވީ ދުވަހުން ފެށިގެން، އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރައިފިއެވެ.
ސްކޭމް މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވަނީ، މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިހާތަނަށް ރިކޯޑް ކޮށްފައިވާ މައްސަލަތަކުގެ ޢަދަދު 3000އަށް އަރާކަމަށެވެ. މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫންކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. މިއީ މުޖުތަމައުގެ 3،000 އާއިލާއަކާއި، ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއި ދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) އެވެ. މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.


މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ “އީ-ކޮމާސް” ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނެއެވެ.
މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ އަޅުގަނޑުމެން ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށެވެ. މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އަދި ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެއެވެ.

އެހެންކަމުން، އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކޭށެވެ. ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށާއި، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށާއި، ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
ތިން ހާސް މައްސަލަ މިހާރުވެސް ވަނީ ރިޕޯޓްކުރެވިފައިވާއިރު، ސްކޭމްގެ 3001 ވަނަ މައްސަލައަކީ ތިބާއަށް ކުރިމަތިވާ ހާދިސާއަކަށް ނުހެދުމަށް ފުލުހުން ތަކުރާރުކޮށް އެދިފައިވެއެވެ.








ކިޔުންތެރިންގެ ހިޔާލު