އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައިގައި ސަޢީދު ޖަވާބުދާރީވެވަޑައިގަތުމަށް ގަޑިއިރެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) ހުށަހެޅުއްވީ ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ސަޢީދު ޖަވާބުދާރީވެވަޑައިގަތުމަށް ގަޑިއިރެއް، އަދި މެންބަރުން ބަހުސްކުރުމަށް ވެސް ގަޑިއިރެއް ދިނުމަށެވެ. އައިބީގެ މި ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ކޮމިޓީ ބައްދަލުވުން ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި މި އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް ވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ހަ ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން އިގުތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެ ހާލަތުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުގެ ބަދަލުގައި އެއީ ޠަބީޢީކަމެއް ކަމަށް ވިދާޅުވެ، ސަޢީދު މި މައްސަލައިގެ ހައްސާސްކަން ކަނޑައިލައްވައިފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ދެވަނަ ކަމަކަށް އެމްޑީޕީގެ މެންބަރުން ފާހަގަކުރީ، ސަޢީދު ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިފައި ނުވާ ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މިސާލެއްގެ ގޮތުން އަދިވެސް ހިންގަން ނުފެށޭ ޑިވެލޮޕްމެންޓް ބޭންކުގެ ވާހަކަ ވަނީ މައްސަލައިގައި ގެނެސްފައެވެ. އެ ބޭންކުގެ ޚިދުމަތްތައް ނުފެށި މިދިޔަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ޚަރަދުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެ މައްސަލައިގައި އެމްޑީޕީން ދެން ބަޔާންކޮށްފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ އެއް މަގުސަދަކީ ރާއްޖޭގެ އިގުތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިގުތިޞާދީ ދާއިރާތައް ސިންދަފާތުކުރުން ކަމަށް ވީ ނަމަވެސް މި ސަރުކާރުން އެ ގާނޫނު އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. މިހާރު ދިމާވެފައިވާ އިގުތިޞާދީ އަދި މާލީ ގޮންޖެހުންތަކަކީ ނިމިދިޔަ ސަރުކާރުގެ ފައިސާ ޗާޕުކުރުމުގެ ސިޔާސަތުގެ ސަބަބުން ދިމާވި ކަންކަން ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.








ކިޔުންތެރިންގެ ހިޔާލު