މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރ. މާކުރަތު ސުކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތުދީފިއެވެ. މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގުރޭޑު 5 އިން 10 ގެ ދަރިވަރުންނަށެވެ.
މި އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންތަކަކީ އެ ސުކޫލާއި މާކުރަތު ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަންތަކެކެވެ.
މި ސެޝަންތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާކުރާނެގޮތާއި އެކްސިޑެންޓުތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ބައިސްކަލު ދުއްވާއިރު ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގައި ހިނގާއިރު ސަމާލުަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގައި ހިމެނޭ ބައެއް ކަންކަމާއި ޓްރެފިކް ނިޝާންތަކުގެ މައުލޫމާތާއި ފުލުހުން ބޭނުންކުރާ މަގުމަތީގެ އިޝާރާތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުން ހޭލުންތެރިކުރުވުމަށާއި ކުށުގެ މާހައުލުން ދަރިވަރުން ދުރުކުރުވައި އަދި މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މާލެއާއި ރަށްރަށުގައި ފުލުހުން ގެންދަނީ މިފަދަ ތަފާތު ޕްރޮގްރާމުތަކާއި ސެޝަންތައް ހިންގަމުންނެވެ. މާކުރަތުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ސެޝަނެކެވެ.









ކިޔުންތެރިންގެ ހިޔާލު