ތަރައްގީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރަށްރަށުގައި މަޝްރޫޢުތައް އަވަސްވާނެ އިސްލާހެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
ނިމާލް މިފަދައިން ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. މި ބިލުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތަކުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ.
މި އިސްލާހު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ވިދާޅުވީ، މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާޢަތުތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ހަރުދަނާކުރުމަކީވެސް މި އިސްލާހުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސްއެޅުމާއި މަޝްރޫޢުތައް ހުއްޓޭފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް ކުރުން މަނާކަމެކެވެ. ރައްޔިތުންގެ ޖާމާއީ މަންފާއަށްޓަކައި ހިންގާ ކަންކަމުގައި ކައުންސިލްތަކުގެ އެއްބާރުލުން ލިބެންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ބިންތަކުގައި މަޝްރޫޢުތައް ހިންގުމަށް އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް ބޭނުންވާ ބިންތައް ސަރުކާރަށް ނެގޭނެ ކަމަށް ބިލުގައިވެއެވެ.
އެލްޖީއޭގެ ސީއީއޯ ނިމާލް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ރަށެއްގައި މަޝްރޫޢެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ބައެއް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެއެވެ. ކައުންސިލްތަކަކީ ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކޮށްދޭންޖެހޭ ފަށަލައެއް ކަމަށާއި އެ އެއްބާރުލުން ކޮންމެ ކައުންސިލަކުންވެސް ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު