މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަނޑައެޅިފައިވާ އިލްތިޒާމްތަކާ އެއްގޮތަށް ދެހާސް ފަންސަވީސް ވަނަ އަހަރު ޓެކުހުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކައިފައިވާ އަށްނަވާރަ ފަރާތެއްގެ އަގު ވަޒަންކުރުމުގެ ގޮތުން “ރަންލާރި” އެވޯޑު ދީފިއެވެ.
މިއީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ދައްކައިފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މީރާއިން ދޭ ޚާއްސަ އެވޯޑެކެވެ. މި އެވޯޑު މިއަހަރު ދީފައިވަނީ ޖުމްލަ ބާރަ ގިންތިއަކުން އެންމެ މަތިން ޓެކްސް ދެއްކި ފަރާތްތަކަށެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޙަފްލާގައެވެ. އެ ޙަފްލާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރު ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ރިޒޯޓު ގިންތިން އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި އެނދުގެ އަދަދު ސަތޭކަ ފަންސާހަށްވުރެ ދަށް ކެޓަގަރީން ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ‘ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް’ ހިމެނެއެވެ. އެނދުގެ އަދަދު ސަތޭކަ ފަންސާސް އެކަކާއި ދެސަތޭކަ ފަންސާހާ ދެމެދުގެ ކެޓަގަރީން ސީޕީއާރުސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ‘ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް’ އެވޯޑު ހޯދިއިރު، އެނދުގެ އަދަދު ދެސަތޭކަ ފަންސާހަށްވުރެ މަތީ ކެޓަގަރީން އެވޯޑު ލިބުނީ އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ‘ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި’ އަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ގިންތިތަކުން ޓޫރިސްޓް ހޮޓާ ކެޓަގަރީން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ‘ހުޅުލެ އައިލެންޑް ހޮޓެލް’ އެވޯޑު ހޯދިއިރު، ޓޫރިސްޓް ގެސްޓްހައުސް ކެޓަގަރީން އެވޯޑު ލިބުނީ ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ‘އޯޝަން ގްރޭންޑް’ އަށެވެ. އަދި ޓޫރިސްޓް އުޅަނދުގެ ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ‘ގޮމަފުޅު’ އެވޯޑު ހޯދިއިރު، ޓްރެވަލް އޭޖެންސީ ކެޓަގަރީން އެވޯޑު ލިބުނީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑ އަށެވެ. އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑު ޙާޞިލުކުރީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑެވެ.
ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީއެސްޓީ ގިންތިއަށް ބަލާއިރު، އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް ކެޓަގަރީން އަލްފާޟިލް އަޙްމަދު ނިޔާޒް އެވޯޑު ހޯއްދެވިއިރު، އާމްދަނީ 30 މިލިއަނާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ކެޓަގަރީން އެވޯޑު ލިބުނީ އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑ އަށެވެ. އާމްދަނީ 100 މިލިއަނާއި ދެސަތޭކަ މިލިއަން ރުފިޔާއާ ދެމެދުގެ ކެޓަގަރީން ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އެވޯޑު ހޯދިއިރު، އާމްދަނީ 200 މިލިއަނަށްވުރެ މަތީ ކެޓަގަރީން އެވޯޑު ލިބުނީ ޗައިނާ ހަރބަރ އިންޖިނިއަރިންގ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑ އަށެވެ.
އެއަރޕޯޓު ޓެކުހާއި ފީގެ ގިންތިން އިއްތިހާދު އެއަރވޭސް އެވޯޑު ހޯދިއިރު، އާމްދަނީން ނަގާ ޓެކްސް – ފަރުދުންގެ ކެޓަގަރީން އެވޯޑު ޙާޞިލުކުރެއްވީ އަޙްމަދު ސިޔާމް މުޙައްމަދެވެ. އާމްދަނީން ނަގާ ޓެކްސް – ފަރުދުން ނޫން އެހެންފަރާތްތަކުގެ ގިންތިން އާމްދަނީ ތިރީސް މިލިއަން ރުފިޔާއަށްވުރެ ދަށް ކެޓަގަރީން އެޓްމޮސްފިއަރ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް، އާމްދަނީ ތިރީސް މިލިއަނާއި ސަތޭކަ މިލިއަން ރުފިޔާއާ ދެމެދުގެ ކެޓަގަރީން ކަނޑޫމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް، އާމްދަނީ 100 މިލިއަނާއި 200 މިލިއަން ރުފިޔާއާ ދެމެދުގެ ކެޓަގަރީން ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، އަދި އާމްދަނީ 200 މިލިއަނަށްވުރެ މަތީ ކެޓަގަރީން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވަނީ އެވޯޑު ހޯދައިފައެވެ.
މީގެ އިތުރުން އާމްދަނީން ނަގާ ޓެކްސް – ބޭންކް ގިންތިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އެވޯޑު ހޯދިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެވޯޑު ލިބުނީ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އަށެވެ.
މީރާއިން ޢަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް “ރަންލާރި” އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި ޢަމަލުކުރާނެ އުސޫލުތައް ކުރިން ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ. އެވޯޑު ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ކަށަވަރުކޮށްފައިވާނެއެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށެވެ.









ކިޔުންތެރިންގެ ހިޔާލު