ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެގެން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ތަކެތި އަގުބޮޑުކަމަށް ބުނެ އެ ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ސާފު އަސާސެއް ނެތް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަގުބޮޑު ކަމަށް ބުނެ ފާހަގަކުރި ބައެއް ބާވަތްތަކުގެ މުދާ، އެ ފަރާތްތަކުން ބުނާ އަގަށްވުރެ މާ ހެޔޮ އަގުގައި ބާޒާރުން ލިބެން ހުރިކަމާއި، އެ ތަކެތި ލިބެން ހުރި ތަންތަނުގެ ތަފުސީލުތައްވެސް ވަޒީރު ވަނީ ހާމަކޮށްދެއްވާފައެވެ.
މީގެ އިތުރުން، ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ އަޅާބަލާއިރު މިއަދުވެސް ރާއްޖޭގައި ނިސްބަތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ އަގު ހެޔޮކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން އިންޑިއާ، ޔޫއޭއީ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ތެޔޮ ވިއްކާ އަގުތަކާއި ރާއްޖޭގެ އަގުތައް އަޅާކިޔުއްވަމުން ސައީދު ވިދާޅުވީ، ސިންގަޕޫރާއި އިންޑިއާއަށްވުރެ ރާއްޖޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު ހެޔޮ ކަމަށެވެ. ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު، އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި، ނަމަވެސް ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް އެންމެ 16.1 ރުފިޔާއަށް ލިބެން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ އަސްލު ވިސްނުމަކީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް ގައުމު ހަލަބޮލިކޮށް، ސިޔާސީ ނުތަނަވަސްކަމެއް އުފެއްދުން ކަމަށެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ހަޖޫ ޖަހަމުންދާއިރު، ގައުމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ދެން ހަދަންވީ ގޮތުގެ އެއްވެސް ބިނާކުރަނިވި ހިޔާލެއް ނުވަތަ ހައްލެއް އެ ފަރާތްތަކަށް ބުނެދެވިފައި ނުވާކަން ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ފަރާތްތަކުގެ ސިޔާސީ މަގުސަދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.









ކިޔުންތެރިންގެ ހިޔާލު