ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބޭއްވުނު އިސްވެރިންގެ ތިންވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އަދި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓަންޓް ސެކްރެޓަރީ ސާރާ ސްޓޯރީއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ހާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ރަސްމީ ޕާޓްނަޝިޕަކަށް ބަދަލުކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށެވެ. އަދި ފާއިތުވި އަހަރު ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލާފައިވާކަމަށް ބުންޏެވެ. މީގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި “ސީ.ޖީ.އެސް އިމާދުއްދީން” ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓާއި، މިދިޔަ މެއި މަހު މާލެއާއި މެލްބަންއާ ދެމެދު ފެށުނު ވައިގެ ސީދާ ދަތުރުތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސައިބާ ސެކިއުރިޓީ، އޭވިއޭޝަން އަދި ޕޯޓް ސެކިއުރިޓީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުން އަދި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޮސްޓްރޭލިއާއިން ދޭ އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަކަން ވެސް ހާމަކޮށްފައިވެއެވެ.
އިގްތިސާދީ ދާއިރާއިން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ފަތުރުވެރިކަން ފުޅާކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކޮސްފައިވާއިރު ވަކިން ހާއްސަކޮށް މާލެއާއި މެލްބަންއާ ދެމެދު ކުރެވޭ ސީދާ ދަތުރުތަކުގެ ސަބަބުން ވިޔަފާރިއާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާނެ ކަމަށް ދެ ފަރާތުން އެއްބަސްވާކަން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އިންސާނީ ވަސީލަތް ތަރައްގީކުރުން، ތައުލީމު، ސިއްހީ ދާއިރާ، ތިމާވެށި ހިމާޔަތްކުރުން، އަންހެނުން ބާރުވެރިކުރުވުން އަދި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ. ރާއްޖޭގެ ތަރައްގީއަށް “އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް” މެދުވެރިކޮށް ދެމުންދާ އެހީތެރިކަމަށްޓަކައި ދިވެހިރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބައްދަލުވުން ނިންމާލަމުން، ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް ދެ ސަރުކާރުންވެސް ވަނީ އައު ކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު