ރާއްޖެއިން އުމްރާގެ އަޅުކަމަށްދާ ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. އެ ޒިންމާ މަތިކުރެވިފައިވާ މޯލްޑިވިއަނުން ސަޢޫދީ އަރަބިއްޔާގެ ޖިއްދާއަށް ފުރަތަމަ ޑައިރެކްޓް އުމްރާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
އެ ދަތުރު ފަށާފައިވަނީ “ހައްޖު ކޯޕަރޭޝަން” އާއި “ދަ ޓްރެވަލާ”ގެ ބައިވެރިވުމާއިއެކުގައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގައި ފެށި މި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެއާއެކު މިދިޔަ އަހަރުގެ މެއި މަހުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ 7،270 އުމްރާވެރިން މޯލްޑިވިއަނުން ވަނީ އުފުލާފައެވެ.
އެ ތަޖުރިބާއާ އެކު މޯލްޑިވިއަންގެ އަމާޒަކަށްވީ މާލެއާ ދުރު، އާބާދީ ބޮޑު އަތޮޅުތަކުން އުމްރާގެ އަޅުކަމަށްދާ ރައްޔިތުންގެ ތަކުލީފް ކުޑަކުރުމެވެ.

އެގޮތުން ބަލާއިރު މި ޖުލައި މަހުގެ 12 ވަނަ ދުވަހަކީ ރާއްޖެއަށް ވަރަށް ތާރީހީ ދުވަހެކެވެ. ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ވައިގެ މަގުން މާލެ ފިޔަވައި އެހެން ސަރަހައްދަކުން އުމްރާގެ އަޅުކަމަށް ސީދާ ސަޢޫދީ އަރަބިއްޔާގެ ޖިއްދާއަށް ދިވެހިން ފުރަން ފެށުމަކީ ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ފެށުނު ކަމެކެވެ.
އައްޑޫއާއި ފުވައްމުލަކާއި ހުވަދުއަތޮޅު ހިމެނޭހެން މުޅި ދެކުނުގެ ރައްޔިތުން އުމްރާގެ އަޅުކަމަށް ދިއުމަށް މީގެ ކުރިން އުފުލި ބޮޑު ތަކުލީފަށް ނިމުން އައީ އެ ދުވަހުގެ ފަތިހު 4:24 ގައި ގަމުން ޖިއްދާ އަށް އުދުއްސާލި މަތިންދާބޯޓާއެކުގައެވެ.
މޯލްޑިވިއަނުން ޖިއްދާއަށް ޑައިރެކްޓް ދަތުރުތައް ފެށުން. މި ތާރީހީ ނިންމުމާއެކު ދެކުނުގެ އަތޮޅުތަކަށް ވަނީ ބޮޑު ލުޔެއް ލިބިފައި. ފޮޓޯ: މޯލްޑިވިއަން
އުމްރާއަށް ފުރުމުގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ އަށް ދަތުރުކުރަން ޖެހުމާއި އެނބުރި މާލެ އަށް ގޮސް އަނެއްކާ އައްޑުު އަށް އެ ރައްޔިތުން ކުރަން ޖެހުނު ދަތުރުތަކުގެ ހަރަދާއި އުފުލަންޖެހުނު ބުރައަށް ނިމުން އައީ މިދަތުރާއެކުގައެވެ. މި ބޯޓުގައި އުމްރާގެ އަޅުކަމަށް ޖުމުލަ 259 މީހަކު ދަތުރުކުރިއިރު އޭގެ ތެރެއިން 110 މީހުން ދަތުރާ ގުޅުނީ ސީދާ އައްޑޫންނެވެ. މޯލްޑިވިއަންގެ އޭ-330 ގެ މަތިންދާބޯޓުގައި ފެށި މި ދަތުރުތަކުގެ އަސްލަކަށްވީ އަމިއްލަ އުމްރާ ގުރޫޕެއް ކަމަށްވާ “ދަތުރުވެރިޔާ”އެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ސީނިއާ މެނޭޖަރ، މާކެޓިން އެންޑް ކޮމިއުނިކޭޝަން ޙުސައިން ޝާރިހް އާދަމް ވިދާޅުވީ އައްޑޫ-މައްކާ ރޫޓުގެ ދަތުރަކީ އުމްރާވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވިއަނުން ކުރަމުން އަންނަކަމުގެ ލާމަސީލު މިސާލެއްކަމަށެވެ. ދެކުނު އަތޮޅުތަކުގެ އުމްރާވެރިން މީގެ ކުރިން އުމްރާއަށް ދިއުމަށް އުފުލަންޖެހުނު ތަކުލީފްތަކަށް ނިމުން އައީކަމަށް ވިދާޅުވެ ޝާރިހް ވިދާޅުވީ މިހާރު ގަން އެއާޕޯޓަށް ދިއުމަށް ކުރާ ހަރަދު ނޫން އެހެން ހަރަދެއް ކުރަން ނުޖެހޭކަމަށެވެ. ފެނިގެންދިޔައީ މޯލްޑިވިއަން މެދުވެރިކޮށް އުމްރާވެރިންނަށް ލުއިފަސޭހަ މަގެއް ހޯއްދަވާދެއްވުމަށް ސަރުކާރުން ކުރި މަސައްކަތްތައް ކަމަށް ޝާރިހް ވިދާޅުވިއެވެ.
އައްޑޫ-މައްކާ ރޫޓުގެ ދަތުރުތަކުގައި ގައުމީ އެއާލައިނުން ބޭނުންކުރަމުން އަންނަނީ އެ ކުންފުނީގެ ފްލީޓަށް އެންމެ ފަހުން ގެނައި އޭ-330 ގެ ބޯޓެވެ. ޝާރިހު ވިދާޅުވީ އައްޑޫއާއި މައްކާއާ ދެމެދު މިހާރު ކުރާ ދަތުރުތަކަކީ އުމްރާ ކުންފުނިތަކާ ގުޅިގެން ކުރާ ޗާޓާޑް ދަތުރުތަކެއްކަމަށެވެ.
“އަޅުގަނޑުމެންގެ އުންމީދަކީ ކުރިމަގުގައި ޝެޑިއުލް ދަތުރުތަކެއް ކުރެވުން އައްޑޫއާއި މައްކާއާ ދެމެދުގައި، އެކަމަކު އަޅުގަނޑުމެން އިހަށް މިކުރީ ޗާޓާޑް މަގުން،” ޝާރިހު ވިދާޅުވިއެވެ.
މިދުވަސްވަރަކީ ސުކޫލް ބަންދު ދުވަސްކޮޅަކަށްވާތީ އުމްރާ ދަތުރުތަކުގެ ޑިމާންޑް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޝާރިހް ވިދާޅުވީ ކުރިއަށް އޮތް އޯގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫއާއި މައްކާއާ ދެެމެދު 62 ދަތުރުކުރާނެކަމަށެވެ.
“އޯގަސްޓު މަހުގެ 6 ވަނަ ދުވަސް މި ލީ އައްޑޫއިން މައްކާއަށް އުމްރާއަށް ގޮސް ތިބި މީހުން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ، އެހެންވީމަ އެ ދަތުރުތައް ލައިގެން ޖުމްލަ 62 ދަތުރު ކުރެވޭނެ،” ޝާރިހް ވިދާޅުވިއެވެ.
މިވީ ކުރު މުއްދަތުގެ ތެރޭގައި ލިބުނު ތަރުހީބަށް ބަލައި ރާއްޖޭގައި ހުރި އެހެން އިންޓަނޭޝަން އެއާޕޯޓްތަކުން ސީދާ މައްކާއަށް ދަތުރުތައް ފެށުމުގެ މަޝްވަރާތައްވެސް މިހާރު ކުރިއަށްދާކަމަށް ޝާރިހް ވިދާޅުވިއެވެ. އުމްރާ ގްރޫޕްތަކާ މޯލްޑިވިއަންއާ ދެމެދު އެ މަޝްވަރާތައް ފެށިފައިވާކަމަށާއި ކުރިމަގުގައި އުއްމީދަކީ ގިނަ މަންޒިލްތަކަކުން ސިދާ އުމްރާ ދަތުރުތައް ކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް ޝާރިހް ވިދާޅުވިއެވެ.
އައްޑޫން ޖިއްދާއަށް ފުރި ޑައިރެކްޓް ފްލައިޓަށް އުމްރާވެރިން އަރަނީ. މާލެ ދަތުރުނުކޮށް މިހާރު އައްޑޫން އުމްރާއަށް ފުރޭނެ. ފޮޓޯ: މޯލްޑިވިއަން
މޯލްޑިވިއަނުން ކުރާ އުމްރާ ދަތުރުތަކަށް ދިވެހިންގެ ތަރުހީބު ބޮޑުކަން ފާހަގަކުރައްވައި ޝާރިހް ވިދާޅުވީ އެ ދަތުރުތަކުގައި އުމްރާވެރިންގެ ކަންތައްތަކާ ހަވާލުވެ ތިބޭނީ ދިވެހި ކުރޫއިންކަމަށެވެ. ސަބަބަކީ ދޮށީއުމުރުގެ މީހުންނަށް މާދަރީ ބަހުން މުއާމަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަމަށް ވިދާޅުވިއެވެ.
“މީގެ އިތުރުން ކާބީތަކެތިވެސް އަޅުގަނޑުމެން މި ފޯރުކޮށްދެނީ ދިވެހިންނާ ގުޅޭ ތަކެތި، އެހެންވީމަ ހަމަ ލުއިފަސޭހަތަކެއް އެބަ ލިބޭ، ދެން ކޮންމެ ފްލައިޓެއްގައި ވަކިވަކިން ފީޑްބެކް ނަގަން އެބަ، ކަންކަން ރަނގަޅުކުރަނީ އެ ފީޑްބެކަށް ބަލާފައި،” ޝާރިހް ވިދާޅުވިއެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއާލައިނުން ވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ކުރެވޭ ޝެޑިއުލް ދަތުރުތަކުގެ މައި ހަބަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓެވެ. މިއީވެސް އެ ސަރަހައްދުން އުމްރާއަށް ދާ މީހުންނަށް ލިބުނު އަގު ނުކުރެވޭފަދަ ހިދުމަތެކެވެ.
“ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ދަތުރުތަކުން އައްޑޫއަށް އައިސް ގަމުން އުމްރާއަށް ފުރޭނެ އިންތިޒާމު ހަމަޖެހިފައި އިންނާނީ، ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ދަތުރުތައްވެސް އަޅުގަނޑުމެން ބާއްވާތީ އުމްރާ ދަތުރުތަކަށް ފަސޭހަވާނެހެން ރާވާވެސްލާފައި މި އިންނަނީ،” ޝާރިހް ވިދާޅުވިއެވެ.
މޯލްޑިވިއަނުގެ އުމްރާ ދަތުރުތަކުގެ އިތުރަށް ފާއިތުވެދިޔަ ހައްޖު މޫސުންތަކުގައި ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންގޮސް، ގެނެސްދިނުމަށްވެސް އެ އެއާލައިނުން ވަނީ ދަތުރުތައް ބާއްވާފައެވެ.
އައްޑޫ-މައްކާ ރޫޓުގެ ދަތުރުތަކާއެކު މިއަދު ގައުމީ އެއާލައިނަކީ ފަތުރުވެރި މަންޒިލްތައް ކައިރިކޮށްދޭ ވަސީލަތެއް ނޫނެވެ. މިއަދު މޯލްޑިވިއަންގެ ދަތުރުތަކަކީ މާލެއާއި އަތޮޅުތަކާ ދެމެދު ކުރެވޭ ދަތުރުތަކުގެ އަސްދަޑިން ބޭރަށް ނުކުމެ އަތޮޅުތަކާއި ދުނިޔޭގެ ބައްރުތައް ގުޅާލަދޭ ބައިވެރިއެކެވެ.









ކިޔުންތެރިންގެ ހިޔާލު