މޯލްޑިވިއަން އިން ޑީއެޗްސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވެލަންޑް އެއާކްރާފްޓް ކުންފުންޏާއެކު ސޮއިކޮށްފިއެވެ.
މިއީ ދުނިޔޭގައި ޓްވިން އޮޓަރ ބޯޓުތައް އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓެއް ތަޢާރަފުކުރާ ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން އައު މަރުކާގެ ދެ ބޯޓު ރާއްޖެ ގެންނާނެއެވެ.
ކްލަސިކް 300-ޖީ މަރުކާގެ ބޯޓުތަކަކީ ކުރު ރަންވޭތަކުން ނައްޓާލުމާއި ޖެއްސުމުގެ ޤާބިލުކަން ލިބިފައިވާ، ޒަމާނީ އެވިއޮނިކްސް ނިޒާމުތަކާއެކު ފަސިންޖަރުންނަށް އިތުރު އަރާމު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިވުމުގެ ސަބަބުން ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޤާބިލުކަން އިތުރުވެ، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެގެންދާނެއެވެ. މި ބޯޓުތަކުގެ ސަބަބުން ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުޅާވެ، ރަންވޭ ނެތް މަންޒިލުތަކަށް ފަތުރުވެރިން އުފުލުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް މޯލްޑިވިއަން އިން މަޢުލޫމާތުދެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހީމް އިޔާޒު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިން އޮޓަރ ކްލަސިކް 300-ޖީ ތަޢާރަފުކުރާ އެއަރލައިނަކަށް މޯލްޑިވިއަން ވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި ސީޕްލޭން ދަތުރުތަކަކީ ރާއްޖޭގެ ޗުއްޓީ ފެށޭ ހިސާބު ކަމަށާއި، ކުންފުނީގެ އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ބިނާވެފައިވަނީ މި ބޯޓުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ. އިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އައު ޖީލުގެ ބޯޓުތަކުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދެވޭނެއެވެ.
މޯލްޑިވިއަން އިން މިހާރުވެސް 25 ބޯޓުގެ ފްލީޓެއް އޮޕަރޭޓުކުރަމުންދާއިރު، އޭގެ ތެރޭގައި 11 ޓްވިން އޮޓަރ ބޯޓު ހިމެނެއެވެ. މީގެ އިތުރުން އެއަރބަސް އޭ330-200 އާއި އޭ320 ގެ އިތުރުން އޭޓީއާރު އަދި ޑޭޝް 8 މަރުކާގެ ބޯޓުތައް އެ އެއަރލައިނުން ބޭނުންކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 1000 އަށްވުރެ ގިނަ ޓްވިން އޮޓަރ ބޯޓު އުފައްދާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ފުންނާބު އުސް މަލްޓި-ޔޫސް އެއަރކްރާފްޓްކަން ފާހަގަކުރެވެއެވެ.









ކިޔުންތެރިންގެ ހިޔާލު