އަލަށް ފަށާ މަޝްރޫޢާއެކު ސޯޝަލް ހައުސިންއަށް އޮތް ޑިމާންޑު ކުޑަވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކުރުމަށްފަހު، އަމިއްލަ ލިންކްޑިންގ އެކައުންޓުގައި ޝާއިޢު ކުރެއްވި ލިޔުމެއްގައި ވަޒީރު ވިދާޅުވީ، ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ 1000 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ކަމަށެވެ. މީގެ ސަބަބުން އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި އެ ތަންތަން ބޭނުންކުރުން ހުއްޓުވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމިއްލައަށް ލޯނު ނަގައިގެން ގެދޮރު ގަނެވޭނެ ފެންވަރު ހުރި އާއިލާތަކުން ވެސް މާކެޓުގައި އަގުހެޔޮ ބޯހިޔާވަހިކަން ނެތުމުން ސޯޝަލް ހައުސިން ކިއޫގައި މަޑުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަތްފޯރާފަށުގެ ކޮންމެ ޔުނިޓެއް ވިއްކުމުން ދެ ކަމެއް ހާސިލުވޭ. އެއީ އެއް އާއިލާއަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބުމާއި، ދައުލަތުގެ ސީދާ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އޮތް ސޯޝަލް ހައުސިންގ ކިއޫ ކުޑަވެގެންދިއުން.
Advertisement
ވަޒީރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.
ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން މި މަޝްރޫޢު ކުރިއަށް ގެންދާ ބޭނުމަކީ ދިވެހި ކުންފުނިތަކުގެ ޤާބިލުކަން އިތުރުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހޯދައިދިނުން ކަމަށާއި، ނަމަވެސް ރާއްޖޭގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ބޮޑުކަމުން، ކުރިއަށް އޮތްތަނުގައި ބޭރުގެ ކުންފުނިތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަޝްރޫޢަކީ ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ކުންފުނިތަކުން މަސައްކަތް ނިންމުމަށްފަހު އާއިލާތަކަށް އަމިއްލަ މިލްކުވެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ އައު ނިޒާމުގެ ފެށުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަމިއްލަ 5 ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގައި ހައުސިން ޔުނިޓްތައް ތަރައްޤީ ކުރަނީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ، 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ، ސަރުކާރުގެ ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެގޮތުން އިމާރާތް ކުރާ ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، 2.3 މިލިއަން ރުފިޔާއެވެ.
ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. އަދި ކޮންމެ ކުންފުންޏަކަށް ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
2 ކޮޓަރީގެ އެޕާޓްމަންޓުތައް 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ.










ކިޔުންތެރިންގެ ހިޔާލު