ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ތިން މަސްދުވަހުގެ މުހުލަތެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ދީފިއެވެ.
ޕީސީބީން އެ މުހުލަތު ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހަށެވެ. މިއީ މާލީ ވުޒާރާއިން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ކުރާ ކަމެކެވެ. އަދި މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މާލީ ވުޒާރާއިން މީގެކުރިން އަންގާފައިވެއެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ދަށުން އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕީސީބީން ވިދާޅުވި ގޮތުގައި މި ބަދަލުގެ ބޭނުމަކީ، ކުންފުނިތަކުގެ ސައިޒާއި އެ ކުންފުންޏެއްގެ މަސައްކަތާ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމެވެ.

ކުންފުނިތަކުން މި އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާނެއެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަން ވަނީ އަންގާފައެވެ. އަދި ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިވަގުތު މި ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށްވެސް ޕީސީބީން ވަނީ ބުނެފައެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނެގުމާއި، މަޤާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމުގެ އިތުރުން، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުންވެސް ހިމެނެއެވެ.
މި ހުރިހާކަމެއް ތަންފީޒްކުރޭތީ ޕީސީބީން ދާނީ މޮނިޓަރކުރަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު