ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މާލީ ގާބިލްކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މިއީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ތެލެސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މި ކުދިން ފުރުމުގެ މުނާސަބަތުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޝެއިޚް އިމްތިތާޢު އައްބާސްގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތެލެސީމިއާ ސެންޓަރުގެ އިސްވެރިންނާއި ފުރަން ހަމަޖެހިފައިވާ ކުދިންގެ އާއިލާތަކުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން ދެމިލިއަން ފަސްލައްކަ ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް މިދިޔަ މަހު ވަނީ ޖަމާކޮށްފައެވެ. މިއީ ދެހާސް ސައުވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެކާވީސް ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ފޯރުކޮށްދެވޭ އެހީތެރިކަމެކެވެ. މީގެ އިތުރުން، ދެހާސް ސައުވީސް ވަނަ އަހަރުން ފެށިގެން މި ފަރުވާ ހޯދައިދިނުމަށް ޒަކާތު ފަންޑުން ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ޚަރަދުކޮށްފައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. މި ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެގެންދެއެވެ.
މިއަހަރުގެ ތެރޭގައި ޖުމުލަ ދިހަ ކުއްޖަކު ވަނީ ޑޯނަ މެޗިން މަރުހަލާ ފުރިހަމަކޮށް، ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ހޯދާފައެވެ. ފުރަތަމަ ބުރުގައި ހަ ކުއްޖަކު ފުރާއިރު، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން އެ ކުދިންވެސް ފަރުވާއަށް ފުރާނެކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.









ކިޔުންތެރިންގެ ހިޔާލު