ހޯރަފުށިން ތެލުގެ ވިޔަފާރިކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ބޮޑު ބިމެއް ގަވާއިދާ ހިލާފަށް ދޫކުރި މައްސަލާގައި އޭސީސީން ފޮނުވި ދައުވާތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބަލައިގަނެފިއެވެ.
ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު އެއް ތެޔޮ ކުންފުނި ކަމަށްވާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5،000 އަކަފޫޓުގެ ބިމެއް ގަވާއިދާ ހިލާފަށް ދޫކޮށްފައިވާ މައްސަލައިގައި، އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އެ އޮފީހުން މިހާރު ވަނީ ބަލައިގަނެފައެވެ. އޭސީސީން މައުލޫމާތުދޭ ގޮތުގައި މި މައްސަލައަކީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ހިނގާފައިވާ ކަމެކެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވަނީ ހޯރަފުށީ ކައުންސިލްގެ ކުރީ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބުރައީސް އަހްމަދު އިމްދާހާއި، ކައުންސިލްގެ މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި، އަހުމަދު ރައޫފާއި، މަރްޔަމް ވަކީލާއާއި، އައިމިނަތު ވިސާމާއާއި އަދި އާމިނަތު ނާސިހާގެ މައްޗަށެވެ. މިއިން ކޮންމެ ފަރާތެއްގެ މައްޗަށްވެސް ޖިނާއީ ދައުވާ އުފުލައިދިނުމަށް އޭސީސީން ވަނީ އެދިފައެވެ.

އެ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އެދިފައިވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އޭސީސީން ބުނެފައިވާ ގޮތުގައި މި އެންމެންގެ މައްޗަށް އުފުލުމަށް އެދިފައިވާ ދައުވާތަކުގެ ތެރޭގައި، ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.









ކިޔުންތެރިންގެ ހިޔާލު