އިރާގުގެ މައްޗަށް 3-0 އިން ކުރިހޯދައި ފްރާންސް އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލަން ޖެހުނު މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު، މި މުބާރާތުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު 4 އަށް ވަނީ އަރާފައެވެ.
އޭނާ ވަނީ ޖަރުމަނުގެ ލެޖެންޑް މިރޮސްލާވް ކްލޯޒޭ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އެހެންނަމަވެސް އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ މިމުބާރާތުގައި ކުޅުނު 2 މެޗުގައި 5 ލަނޑު ޖަހާ ކްލޯޒޭގެ މި ރެކޯޑާ އަރާ ހަމަކޮށް، އެ ރެކޯޑު މުގުރާވެސްލާފައެވެ.
ފްރާންސް މެޗުގެ ކުރިން ކުޅުނު މެޗުގައި އޮސްޓްރިއާ ކޮޅަށް ޖެހި ދެ ލަނޑާއެކު މެސީ ވަނީ 18 ލަނޑު ހަމަކޮށް ތާވަލުގެ އެއްވަނައިގައެވެ. ނަމަވެސް 11 އަހަރު ހަގު އެމްބާޕޭ ދަނީ މެސީއާ ވަރަށް ގާތުން ވާދަކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް، ދަނޑަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވުމުގެ ސަބަބުން މެޗު މެދުކަނޑާލަން ޖެހުނެވެ. މިއީ މި މުބާރާތުގައި މެޗެއް މެދުކަނޑާލަން ޖެހުނު ފުރަތަމަ ފަހަރެވެ. އެމެރިކާގެ ގަވާއިދުތައް ބުނާގޮތުން 8 މޭލުގެ ސަރަޙައްދެއްގެ ތެރޭގައި ހޮނުއަޅާނަމަ، މެޗު މެދުކަނޑާލައި 30 މިނެޓަށް ސަޕޯޓަރުން ތިބޭ ސަރަޙައްދު ހުސްކުރަން ޖެހެއެވެ. އަދި ކޮންމެ ފަހަރަކު ހޮނުއަޅާއިރު، އެ ވަގުތު އަލުން ގުނަން ފަށައެވެ. މި ސަބަބާހުރެ މެޗު އަލުން ފެށުނީ ދެ ގަޑިއިރަށްވުރެ ގިނަ އިރު ފަހުންނެވެ.










ކިޔުންތެރިންގެ ހިޔާލު