ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސިޔާސީ ޕާޓީ، ޕީއެންއެފްގެ ސެނެޓުން މިއަދު ފާސްކުރި ޤަރާރެއްގައި، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވި ނިންމެވުމަށް ތާއީދުކޮށް، އެ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ބުނެފިއެވެ.

އެ ޤަރާރުގައި ބުނެފައިވާ ގޮތުން، ރައްޔިތުން އިންތިޚާބުކުރި މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ޝަރުއީ ދާއިރާއާއި ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ރޭވުންތަކެއް ރާވަމުންދާ ކަމަށް އެ ޕާޓީން ޤަބޫލުކުރެއެވެ.

މި ޤަރާރު ހުށަހެޅުއްވީ ޕީއެންއެފްގެ ސެނެޓަރު އަދި ވަކީލު ޢަލީ ޝާހް އެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ އަންގާރަ ދުވަހު އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުން ވެސް ވަނީ ކުރީގެ ތިން ރައީސުންނާއެކު މަސައްކަތް ކުރުމަށް ޤަރާރެއް ފާސްކޮށްފައެވެ. ކުރީގެ ރައީސް ޔާމީން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ޤައުމު ހަމަމަގަށް އެޅުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީން އިދިކޮޅު އެމްޑީޕީއާއެކު މަސައްކަތް ކުރައްވަން ފެއްޓެވުމުން އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އަންނަނީ ނުރުހުންފާޅުކުރަމުންނެވެ.