ވެރިކަމުގެ ދަހިވެތިކަމުގައި އުޅުނު ބަޔަކު ގައުމީ މަސްލަހަތޭ ކިޔައިގެން ގުޅިގެން މަސައްކަތް ކުރަން ނުކުތުމުން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ހުސްނީ މިފަދައިން ވިދާޅުވީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ހުސްނީ ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކެއްގެ ކިބައިން ބަދަލުހިފި ބަޔަކު ނުކުމެ، ގައުމީ މަސްލަހަތޭ ރައްޔިތުންގެ ހައްގޭ ކިޔަސް ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ތިން ރައީސުން ވިދާޅުވީ އެ ބޭފުޅުން އެކުގައި މަސައްކަތްކުރަން ނިންމެވީ ސަރުކާރުގެ ކަންކަން ގޯހުން ގޯހަށްދާން ފެށުމުން ކަމަށެވެ.

އެ ބޭފުޅުން ވަނީ ޝަރުއީ ކޯޓެއްގެ ހުކުމަކާއެކު ޖަލަށްލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލާފައެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އެ ބޭފުޅުންނަށް އަމާޒުވަމުންނެވެ.