މިއަހަރުގެ މުގައްދަސް ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފުރަތަމަ ގްރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 235 މީހުން މިއަދު ފުރާނީ ސައުދިއާ އެއާލައިންގައެވެ. ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގެ ގޮތުގައި 1000 ފުރުސަތު ލިބިފައިވާއިރު، ހައްޖުވެރިން ސައުދީއަށް ގެންދިއުމަށް ޖުމްލަ 4 ފްލައިޓެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އެއީ ސައުދިއާ އެއާލައިންގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ.
ފުރަތަމަ ގްރޫޕް މިއަދު ފުރާއިރު، ބާކީ ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ. އެގޮތުން 17 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 252 މީހުން، 18 ވަނަ ދުވަހު ސައުދިއާ އެއާލައިންގައި 250 މީހުން، އަދި 19 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 252 މީހުން ފުރާނެއެވެ.

ދަތުރުފަތުރާއި ޗެކިންގެ އިންތިޒާމްތައް
ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފުރަން އޮންނަ ދުވަހުގެ ކުރިން ފޮށިތައް ނަގައި ދުރާލާ ޗެކިން ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އަދި އެއާޕޯޓަށް ދިއުމަށް ހާއްސަ ބަސް ދަތުރުތައް ފްލައިޓު ފުރާ ގަޑީގެ 5 ގަޑިއިރު ކުރިން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަނުކޮށް ސީދާ ހޮޓަލަށް ދެވޭ ގޮތަށް “މައްކާ ރޫޓް” ގެ ހިދުމަތްވެސް މިއަހަރު ލިބިގެންދާނެއެވެ.
މިނާ އާއި އަރަފާތުގައި ހާއްސަ އިންތިޒާމްތަކެއް
ހައްޖުގެ އަޅުކަމުގެ އެންމެ ބުރަ ވަގުތުތައް ހޭދަކުރާ މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިންނަށް ގިނަ ލުއިތަކެއް ވަނީ ހޯދައިދީފައެވެ. މިނާގައި ދިވެހިން ތިބޭ ސަރަހައްދުގެ ކެޓަގަރީ މަތިކޮށް، ދިވެހިންނަށް ހާއްސަ 60 އަށްވުރެ ގިނަ އައު ފާހާނާ ވަނީ އިމާރާތްކޮށްފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހުންނަ މި ފާހާނާތަކަކީ ބޭނުންކުރަން ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ.
މިނާގެ ބަދިގެ ބޮޑުކޮށް ކެއްކުމުގެ އިންތިޒާމްތައް ރަނގަޅުކޮށްފައިވާއިރު، ދިވެހިން ތިބޭ ޓެންޓުތައް ހުންނާނީ ޖަމުރާއަށް ހިލައުކަން ދިއުމަށް ފަސޭހަ، މައި ބޮޑު މަގުގެ ސަރަހައްދުގައެވެ. އަރަފާތު ބިމުގައިވެސް ދިވެހިން ތިބޭ ޓެންޓު ސަރަހައްދު ވަށައިގެން ފެންސް ޖަހައި، އެއީ ހަމައެކަނި ދިވެހިންނަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ސައުދީގައި ހޭދަކުރާ މުއްދަތުގައި ހޮޓަލުން ލިބޭ ކެއިންބުއިމާއި ސިއްހީ ހިދުމަތްތައްވެސް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ތައްޔާރުވެފައެވެ.





ކިޔުންތެރިންގެ ހިޔާލު