އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ. އަދި މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ. އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އީސީގެ މެންބަރުކަމުގެ މަޤާމު ހުސްވީ ކުރިން އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެކޮމިޝަންގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސް ހިމެނޭހެން 5 ބޭފުޅުން ތިއްބަވައެވެ.