ދައުލަތުގެ ޓެކްސް އިދާރާ މީރާ މެދުވެރިކޮށް މިދިޔަ މަހު 2.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާއިން އާންމުކުރި އޭޕްރީލް މަހުގެ ތަފާސްހިސާބުތަައް ދައްކައިފިއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު %0.3 މަދު އަދަދެކެވެ. ނަމަވެސް މިއީ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ %16 އިތުރު އާމްދަނީއެއް ކަމަށް މީރާއިން ބުނެފައިވެ އެވެ.
މާޗު މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ލިބުނު 120.7 މިލިއަން ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުނެފައިވެއެވެ.

އޭޕްރީލް މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ ޖުމްލަ އާމްދަނީގެ %63.6 ނުވަތަ 1.6 ބިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓެކްސްތައް:
- ގްރީން ޓެކްސް: 185 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %7)
- އިންކަމް ޓެކްސް: 178 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %6.8)
- އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 152 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.8)
- ޑިޕާޗާ ޓެކްސް: 152 މިލިއަން ރުފިޔާ: (ޖުމްލަ އާމްދަނީގެ %5.8)
- ޓޫރިޒަމް ލޭންޑް ޓެކްސް: 129 މިލިއަން ރުފިޔާ: (ޖުމްލަ އާމްދަނީގެ %4.9)
މީރާ އިން ބުނީ އޭޕްރީލް މަހު ލިބޭނެ ކަމަށް ލަފާކުރި އާމްދަަނީއަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ ކުރިން ލިބެންޖެހޭ ބައެއް ފީތައް އެ މުއްދަތުގައި ލިިބިފައިވުމުންނާއި މީރާއަށް ލިބެންޖެހޭ ފީތައް ހޯދުމަށް ކުރި މަސައްކަތްތަކުން، އޭގެ ތެރެއިން ފައިސާ ލިބިފައި ވުމުން ކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއަށް ވުރެ މި އަހަރުގެ އޭޕްރީލްގައި ލިބުނު އާމްދަނީ މަދުވީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމުންނާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މާޗު މަހު %19 މަދުވެ ޓޫރިޒަމުގެ އާމްދަނީ ދަށްވުމުން ކަމަށް މީރާއިން ބުންޏެވެ.





ކިޔުންތެރިންގެ ހިޔާލު