މިމަހުގެ 17ގައި ހުވާކުރާ އައު ކައުންސިލްގެ މެންބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ހުވާކުރުމުގެ ދަރުބާރުގެ އެންމެހައި ކަންކަން އިންތިޒާމްކުރަން ޖެހޭގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. މި އުސޫލުގައި ބުނެފައިވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ރަސްމިއްޔާތުގައި ބައިވެރިކުރުމަށްޓަކައި މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ރަށުގައި އާއްމުކޮށް އިއުލާންކުރަންޖެހޭނެކަމަށެވެ. ރަށުގައި ހިނގަމުންދާ ސަރުކާރުގެ އިދާރާތަކަށް އެ ތަންތަނުގެ މުވައްޒަފުން ދަރުބާރަށް ވަޑައިގަތުމަށް ދައުވަތު ދޭންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ފަނޑިޔާރަކު ނެތް ރަށެއްނަމަ ދަރުބާރަށް ވަޑައިގަންނަވާ ފަނޑިޔާރަށް ސެކްރެޓަރ ޖެނެރަލް އިސްތިގްބާލުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ވަނީ ބުނެފައެވެ. ރަށުގައި ފަނޑިޔާރަކު ނެތްނަމަ ނުވަތަ ހުވައި ކުރުމުގެ ދަރުބާރު އޮންނަ ވަގުތަށް ފަނޑިޔާރަކު ރަށަށް ނުގެނެވި އޮންލައިންކޮށް ހުވައިލައިދޭ ހާލަތުގައި އެ އިންތިޒާމް ހަމަޖައްސައި އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ލަސްވެގެން ރަސްމިއްޔާތު ބޭއްވުމުގެ 1 ދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން ހިއްސާކުރަންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ރަސްމިއްޔާތުގެ ފޮޓޯ މަގޭ ކައުންސިލް ޕޯޓަލްގައި ލަސްނުކޮށް އަޕްލޯޑްކުރުމާއި ޕޯޓަލްގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރަންވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ. މީގެއިތުރުންވެސް ރާއްޖޭގައި ހިންގާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ދަރުބާރުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކައުންސިލާއި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިމުމަށްފަހު ލަސްވެގެން 3 ގަޑިއިރު ތެރޭގައި މަގޭ ކައުންސިލް ޕޯޓަލްގައި ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އަދާހަމަކުރަންވާނެކަމަށް ލޯކަލް ގަވަމަންޓް އޮޓޯރިޓީން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނީ އެއްވަގުތެއްގައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.




ކިޔުންތެރިންގެ ހިޔާލު