ދުނިޔޭގެ ވެކްސިން ހަފްތާ ނުވަތަ 'އިމިއުނައިޒޭޝަން ވީކް' ފާހަގަކުރުމުގެ ގޮތުން، ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 'ކޮންޓިނިއުއިންގް މެޑިކަލް އެޑިޔުކޭޝަން' (ސީއެމްއީ) ސެޝަނެއް މި ހަފްތާގައި ބާއްވައިފިއެވެ.

މި ސެޝަންގެ މައިގަނޑު މަގުސަދަކީ ފަރުދީ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ވެކްސިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލުމެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ  ފަރާތުން ސީނިއަރ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އަޙްމަދު ފައިސަލްއެވެ.

ޑރ. ފައިސަލްގެ ޕްރެޒެންޓޭޝަންގައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބަލިތަކުން ދިފާއުވުމަށްޓަކައި 'ހާރޑް އިމިއުނިޓީ' ނުވަތަ މުޖުތަމައުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކުރުމުގެ ބޭނުންތެރިކަމަށް އޭނާ ބާރުއެޅުއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން، ވެކްސިން ޖެހުމަށް ފަސްޖެހޭ މައްސަލައާއި، އާންމުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. ފައިސަލް ވާހަކަދެއްކެވިއެވެ. ދައުލަތުގެ ސިއްހީ އިދާރާތަކުންނާއި ސިއްހީ ޙިދުމަތް ފޯރުކޮއްދޭ އެކިއެކި ފަރާތްތަކުން ވެކްސިންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކަށްވެސް އޭނާ އަލިއަޅުވާލެއްވިއެވެ.

މި ސެޝަންގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އެލެސަންޑްރާ މާޓިނޯވެސް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާގެ ވާހަކައިގައި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަޑިއަށް ދިނުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގައި ސިއްހީ ޚިދުމަތްތެރިންގެ މުހިންމު މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ. މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު އައުވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް  3351610އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.