ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ މަގްސަދުގައި، އެ ހޮސްޕިޓަލުގެ އަހަރީ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތުގެ ސެޕްޓެމްބަރު 2026 އިންޓޭކަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމް 2021 ވަނަ އަހަރު ތައާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލަރޝިޕް ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 12 ނަރުހުން މިހާރުވެސް ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރިހަމަ ހިދުމަތްތަކެއް ދެމުންނެވެ.

މި ޕްރޮގްރާމުގެ ސަބަބުން ގާބިލު ދިވެހި ނަރުހުން ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ސްކޮލަޝިޕްގެ ދާއިރާތަކާއި ޝަރުތުތައް
މިފަހަރުގެ ސްކޮލަޝިޕް ފުރުސަތު ހުޅުވާލެވިފައިވަނީ ވިލާ ކޮލެޖުގައި ހިންގާ ދެ ޕްރޮގްރާމަކަށެވެ. އެއީ ބީއެސްސީ (އޮނަސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި 3 އަހަރުގެ ޑިޕްލޮމާ އިން ނާސިން ކޯހަށެވެ.
މި ފުރުސަތަށް އެދި ހުށަހެޅޭނީ ދިވެހި ރައްޔިތުންނަށެވެ. އަދި މިއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މީގެ އިތުރުން، ސްކޮލަޝިޕް އެދޭ ފަރާތަކީ އެހެން އެއްވެސް މުއައްސަސާއަކުން ތައުލީމީ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
“ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ؛ ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްޤީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް،”. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވިއެވެ.
އެޕްލިކޭޝަން ހުށަހެޅުން
މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ ސެޕްޓެމްބަރު 15 އިން ފެށިގެން ސެޕްޓެމްބަރު 30ގެ ނިޔަލަށެވެ. ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެއެވެ،
އަދި އިތުރު މައުލޫމާތު 7350642 ނަންބަރަށް ގުޅައިގެން ކުރިއަށްގެންދެވޭނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވިދާޅުވީ، މިއީ ސިއްހީ ދާއިރާއިން އުޖާލާ މުސްތަގްބަލެއް ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާ ވަރަށް އަގުހުރި ރަނުގެ ފުރުސަތެއް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ބަލިމީހުންނަށް އެންމެ ފުރިހަމަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުމެވެ.










ކިޔުންތެރިންގެ ހިޔާލު