ލުބުނާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ތިން ހަފްތާއަށް އިތުރުކުރަން އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ.
އެމެރިކާގެ ރައީސް މިކަން އިއުލާން ކޮށްފައިވަނީ، ލުބުނާނާއި އިސްރާއީލުގެ އެމްބަސެޑަރުންގެ މެދުގައި ވައިޓްހައުސްގައި ބޭއްވި ދެވަނަ ބުރުގެ ވާހަކަތަކަށްފަހު އޯވަލް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ޕްރެސް ކޮންފަރެންސްގައި، ލުބުނާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ އީސާއާއި، އިސްރާއީލު އެމްބަސެޑަރާއި، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ ހަކަބީއާއި، އެމެރިކާގެ ޚާރިޖީ ވަޒީރާއި، ނައިބް ރައީސާއި އަދި ޓްރަމްޕްވެސް ބައިވެރިވިއެވެ.

ޕްރެސް ކޮންފަރެންސްގައި އެމެރިކާގެ ރައީސް ޓްރަމްޕް ބުނީ، ހިޒްބުﷲގެ ކިބައިން ލުބުނާނު ސަލާތްކޮށްދޭން އެހީތެރިވާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
އަދި އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫއާއި، ލުބުނާނުގެ ރައީސް ޖޯސެފް އައޫންއާ ވަރަށް އަވަހަށް ބައްދަލު ކުރެވޭނޭ ކަމަށް އުންމީދުކުރާ ކަމަށާއި، އިސްރާއީލާއި ލުބުނާނާ ދެމެދު މިއަހަރުގެ ތެރޭގައި ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ހެދޭނޭ ކަމަށް އުންމީދުކުރާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އިސްރާއީލާއި ލުބުނާނުގެ އެމްބަސެޑަރުން ގެންގޮސްގެން އެމެރިކާގެ ޚާރިޖިއްޔާގައި ފުރަތަމަ ބޭއްވި ވާހަކަތަކަށްފަހު ހަމަލާތައް ހުއްޓާލަން އެއްބަސްވީ 10 ދުވަހަށެވެ.
އެ އެއްބަސްވުން ހެދުމުގައި ހިޒްބުﷲ ބައިވެރި ނުކުރި ނަމަވެސް، ލުބުނާނުގެ ރައްޔިތުންގެ ހައްގުގައި ހިޒްބުﷲއިން ހަމަލާތައް ހުއްޓާލިއެވެ.
އެހެން ނަމަވެސް، އެއްބަސްވުން ހެދިފަހުންވެސް އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުން ނުފައިބައި އިތުރު ބިންތައް ހިފަމުން ދިއުމާއި، ދެކުނުގެ ރަށްތަކަށް އުދުވާނީ ހަމަލާތައް ހުއްޓާނުލާ ދެމުން ގެންދާތީ ރައްދުގައި ހިޒްބުﷲއިންވެސް މިހާރު ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެގޮތުން، ލުބުނާނުގެ ބިމުގެ ސަރަހައްދުގައި ތިބި ޓެރަރިސްޓު ސިފައިންނަށާއި، އަދި އިސްރާއީލުގެ އުތުރުގެ ރަށްތަކަށްވެސް ހިޒްބުﷲ މުޖާހިދުން ގެންދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިންތަކުން އެއްކޮށް ފޭބުމާއި އަދި ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލަންދެން ރައްދު ހަމަލާތައް ދިނުން ވަރުގަދަ ކުރަމުން ގެންދާނޭކަމަށް ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމްވަނީ ވައުދުވެވަޑައި ގެންފައެވެ.








ކިޔުންތެރިންގެ ހިޔާލު