ޖުޑީޝަރީއަށް ގެންނަވަން ގަސްތުކުރައްވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ޖުޑީޝަލް ކައުންސިލު އަލުން އެކުލަވައިލާ، އެ ކައުންސިލާއި އުއްތަމަފަނޑިޔާރުގެ ދަށަށް ޖުޑީޝަރީގެ އިދާރީ ގުނަވަން ކަމުގައިވާ ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) ބަދަލުކުރެއްވުމަށް ގާނޫނަށް ގެންނަވަަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ .މުޙައްމަދު މުޢިއްޒު ވިދާޅުވި ވިދާޅުވުމަށް ކުރީގެ އުއްތަމަފަނޑިޔާރު، އަހްމަދު ފާއިޒް ޙުސައިން މިއަދު ތާއީދުކުރައްވައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އަލުން އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފާއިޒު ވިދާޅުވީ ޖޭއެސްސީ ޝަރުއީ ދާއިރާގެ ދަށަށް ގެނެވިއްޖެނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވާނެ ކަމަށެވެ.
“ޑީޖޭއޭ އަނބުރާ ޝަރުޢީ ދާއިރާއާ ހަވާލުކުރަން ރައީސް ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރަމެވެ. ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް އެ މުއައްސަސާ ޝަރުޢީ ދާއިރާގެ ދަށަށް ގެނެވިއްޖެ ނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މިނިވަންކަން އިޢާދަވެގެންދާނެއެވެ.” ފާއިޒު ވިދާޅުވި އެވެ.

ފާއިޒަކީ އިންތިޤާލީ ސުޕްރީމް ކޯޓަށްފަހު، ފުރަތަމަ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެެއްވި ބޭފުޅާ އެވެ. އެހެންނަމަވެސް، ފާއިޒުގެ މަގާމު ގެއްލިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދުކުރާ ގޮތަށް ގާނޫނަށް މަޖިލީހުން ގެނައި ބަދަލާއި ގުޅިގެންނެވެ.
ކުރީ ސަރުކާރުން ޖުޑީޝަރީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ޑީޖޭއޭ ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ދަށަށް ގެނެސްފައި އޮތް އޮތުމަކީ ޖުޑީޝަރީގެ އިދާރީ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކުރައްވަމުން، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެ ނިންމުން ބަދަލުކުރައްވައި ޖުޑީޝަލް ކައުންސިލެއް ގާއިމުކުރެއްވުމަށް ގަސްތުކުރައްވާކަން ހާމަކުރައްވާފަ އެވެ.
ޖުޑީޝަލް ކައުންސިލަކީ ކުރިން ގާނޫނުގައި އޮތް ކައުންސިލެއް ނަމަވެސް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކައުންސިލު އުވިގެންދިޔަ ކަމަށާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިތުރަށް ދަށު މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އޮންނަ ޖުޑީޝަލް ކައުންސިލަކީ ޖުޑީޝަރީއާ ގުޅުންހުރި ފަންނީ ކަންކަން ނިންމާ އެންމެ މަތީ ކައުންސިލުގެ ގޮތުގައި އަލުން އިއާދަކުރެއްވުމަށް ވިސްނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ޖުޑީޝަލް ކައުންސިލަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭހެން އޮންނަ ފަންނީ ދާއިރާގައި ޓެކްނިކަލް ކަންކަމުގައި މަޝްވަރާކުރުމަށް އޮންނަ ކައުންސިލެއް. އެ ކައުންސިލު އުވިގެންދިޔަ. ދެން ޑީޖޭއޭ މިއޮންނަނީ ޖޭއެސްސީގެ ދަށުގައި. ޖުޑީޝަލް ކައުންސިލު އަލުން ރިއެންސްޓޭޓުކުރެވޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނެއްގެ ގޮތަށް ޑީޖޭއޭ ބަދަލުވެގެންދިއުން،” އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މިއޮންނަ ގޮތުން ކޯޓުތަކުގައި ފަނޑިޔާރުންނަށްވުރެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުން ބާރުގަދަވެ، އިސްފަނޑިޔާރަށް ކޯޓުތަކުގެ ހިންގުމުގެ ބާރު ނޯވެއެވެ. އެކަމުގެ ސަބަބުން ކޯޓުތައް ހިންގުމުގައި ވަރަށް ބޮޑެތި އުދަގޫތައް ކުރިމަތިވާ ކަމަށެވެ.
ޖުޑީޝަރީއަށާއި މަޖިލީހަށް އަންނަންޖެހޭ އިސްލާހީ ބަދަލުތަކަކީ ކޮންމެހެންވެސް ގެންނަންޖެހޭ ކަންތައްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.








ކިޔުންތެރިންގެ ހިޔާލު