އީރާނުން ހުއްޓާނުލާ ޒަޔަނިސްޓު އިސްރާއީލަށް ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާތައް އިހުނަށްވުރެ ވަރުގަދަކޮށް ފުޅާކޮށްފިއެވެ.
ރެއާއި މިއަދުވެސް އީރާނުން ގެންދަނީ އިސްރާއީލުގެ ރަށްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ.
މިއަދުގެ މިހާތަނަށް އެކަނިވެސް 5 ބުރެއްގެމަތިން ހަމަލާތައް ފޮނުވާލާފައިވާ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.
މިދިޔަ ގަޑިއެއްހާ އިރުގެ ތެރޭގައި އެކަނިވެސް އީރާނުން އިސްރާއީލަށް 15 ކްލަސްޓަރ މިސައިލް ހަމަލާ ދީފައި ވެއެވެ. ކްލަސްޓަރ މިސައިލަކީ އަޔަން ޑޯމަށްވެސް ހުއްޓުވަން ފަސޭހަ މިސައިލްތަކެއް ނޫނެވެ.
އީރާނުން އިސްރާއީލަށް ފޮނުވަމުންދާ މިސައިލްތަކުގެ 70 އިންސައްތަ ސީދާ އޭގެ އަމާޒަށް ވާސިލްވަމުންދާ ކަމަށް މިޑިއާ ރިޕޯޓްތަކުން ބުނެއެވެ.
އިސްރާއީލުގެ މެދުތެރެއިން ތެލް އަވީވަށާއި، އިސްރާއީލުގެ އެންމެ މުހިންމު ބަނދަރުމަތީ ސިޓީ ކަމަށްވާ ހައިފާއަށްވެސް އީރާނުގެ ވަރުގަދަ ހަމަލާތަކެއް ތަކުރާރުކޮށް އަމާޒުވަމުން އެބަ ދެއެވެ. ހައިފާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނުނިވެއެވެ. އިސްރާއީލުގައި ބޭނުންކުރާ ތެލުގެ 64 އިންސައްތަ އުފައްދަނީ މި ކާރުޚާނާތަކުގައެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެކި ހިސާބުތަކުގައި ބާރުގަދަ ގޮވުންތައް ގޮވައި، ތަންތަނުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރުތަކާއި، ހަމަލާތަކުގައި އިމާރާތްތަކާއި ތަންތަނަށާއި، މަގުތަކާއި ވެހިކަލްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ވީޑިއޯތައްވެސް ދައުރުވަމުން އެބަ ދެއެވެ.
އީރާނުގެ ރައްދު ހަމަލާތަކުގެ ވަރުގަދަ ކަމާއި، ހުއްޓާނުލާ ހަމަލާތައް އަންނާތީ އިސްރާއީލުގެ އެތައް މިލިއަން މީހުންނަށް ބިންގަރާސްތަކުންވެސް ނުކުމެވޭވަރު ނުވާކަމަށް، މީޑިއާއިން ބުނެއެވެ.
އީރާނުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާއިރު، ލުބުނާނުގެ ހިޒްބުﷲއިން ގެންދަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށާއި، އެކި ހިސާބުތަކަށް މިސައިލާއި، ޑްރޯންއާއި ރޮކެޓް ހަމަލާތައް ދެމުންނެވެ. ޔަމަނުގެ ހޫޘީންވެސް ގެންދަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އީރާނު، ހިޒްބުﷲ އަދި ހޫޘީންގެ ހަމަލާތައް އިސްރާއީލުގެ ރަށްތަކަށް ސީދާ އަމާޒުވެ، މަރުވާ މީހުންގެ އަދަދުތަކާއި، ލިބޭ ގެއްލުންތައް އިސްރާއީލުން ގެންދަނީ ދުނިޔެއަށް ސިއްރު ކުރަމުންނެވެ. އޭގެ ބަދަލުގައި އިސްތިއުމާރީ އަސްކަރިއްޔާއިން ދުނިޔެއަށް ދައްކަން ބޭނުންވާ މަންޒަރެއްގެ ލައިވް ކަވަރޭޖް ސީދާ އިސްތިއުމާރީ ސިފައިން ހަދައިދެއެވެ. އީރާނުގެ ހަމަލާތަކުގައި ހައިފާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ކަވަރޭޖް ހަދައި ދުނިޔެއަށް ހާމަކުރީ އިނގިރޭސި ބަހުންނެވެ.
އެންމެ ބޮޑަށް ދުނިޔެއަށް ދައްކަމުން ގެންދަނީ ހައިފާގެ އާންމު އިމާރާތަކަށް އަމާޒުވި ހަމަލާގައި ލިބުނު ގެއްލުންތަކެވެ. އެ ހަމަލާގައި ދެމީހުން މަރުވެ 4 މީހުން ވަރަށް ބޮޑަށް ޒަޚަމްވެފައި ވާއިރު، ދެމީހަކު އަދިވެސް ނުފެނެއެވެ. 5 ފަންގިފިލާގެ އިމާރާތް އީރާނުގެ ހަމަލާގައިވަނީ ބިމާހަމަވެފައެވެ.
އީރާނުން ބުނަނީ، ހަމަލާ އަމާޒުކުރި އިމާރާތަކީ، އީރާނާއި، ލުބުނާނާއި ފަލަސްތީނަށް ދޭ ޓެރަރިސްޓު ހަމަލާތައް ރާވަން ޒަޔަނިސްޓު އަސްކަރިއްޔާގެ ވެރިން ބައްދަލުވުމެއް ބާއްވަމުންދިޔަ އިމާރާތެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު