ރާއްޖޭގެ ކަނޑާއި، ވައިގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި އެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުތައް، ޑިފެންސް މިނިސްޓްރީން ސާފުކޮށްދީފިއެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.
ޑިފެންސުން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ހައްގުތަކާއި، އިހުތިޔާރުތައް ބަޔާންކުރާ ގާނޫނަކީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު” ކަމަށެވެ. އެ ގާނޫނުގައި ބަޔާންކުރާ ގޮތުން، ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް، ރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އެ ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، އެ ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަންކަމަށް ޑިފެންސުން ބުންޏެވެ.

ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ “ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއްކަމަށް ޑިފެންސުން ބުންޏެވެ.
އެއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސްކަމަށް މިނިސްޓްރީން ބުންޏެވެ. އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭއިރު، އެ ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކޮށްދިނުންކަމަށް ޑިފެންސުން ބުންޏެވެ.
އިންޓަނޭޝަނަލް އެއާސްޕޭސް ގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން އެފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، މޮނިޓާކުރަމުންދާނެކަމަށް ޑިފެންސުން ބުންޏެވެ.







ކިޔުންތެރިންގެ ހިޔާލު