މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މިފްކޯ އިން ބުނީ އެ ކުންފުނީގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި، މިފްކޯ އާއި ސީއެމްއީސީއާ ދެމެދު ޖުމުލަ ތިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވި މި ރަސްމީޔާތުގައި ސޮއިކުރެވުނު އެމްއޯޔޫ ތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އެމްއޯޔޫ ތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ. ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނޭކަމަށް މިފްކޯއިން ބުންޏެވެ.
ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީއެމްއީސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރެވުނު މި ތިން އެމްއޯޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް މިފްކޯއިން އުއްމީދުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު