ރާއްޖޭގައި ވިއްކާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފެންވަރު ދަށް ބޭސް އެތެރެކޮށް ވިއްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ފާމަސީތަކުން ބޭސް ގަންނައިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީގެ ޚާއްޞަ ހުއްދައެއް ލިބިގެން ކަމަށާއި، ފާމަސީތަކުގައި ޚިދުމަތް ދޭން ތިބެންވާނީ ވެސް އެކަމަށް ހުއްދަ ލިބިފައިވާ ފަންނީ މާހިރުންނެވެ.
އާންމު ރައްޔިތުން ބޭސް ގަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލަންޖެހޭ މުހިންމު ކަންތައްތަކެއް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، އެ ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ތަނެއްތޯ ބެލުމަށް ފާމަސީގައި ހަރުކޮށްފައިވާ ހުއްދައަށް ބެލުމަށާއި، ޚިދުމަތްދޭން ހުންނަ ފާމަސިސްޓަކީ ކާކުކަން އަންގައިދޭ ކާޑު އަޅައިގެން ހުރި މީހެއްތޯ ޔަގީންކުރުން ހިމެނެއެވެ. މީގެ އިތުރުން، ގަންނަ ބޭހުގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމަށާއި، ބޭސް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ލިޔެފައިވޭތޯއާއި އަދި ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރިކޮށްތޯ ކަށަވަރުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ގަވާއިދާ ޚިލާފަށް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އެމްއެފްޑީއޭއިން ވަނީ ދީފައެވެ. އެގޮތުން ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ހުއްދަ ނެތި ފާމަސީތަކުގައި މަސައްކަތްކުރާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، މިފަދަ ކަމެއް ފާހަގަވެއްޖެނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.
މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިމިވަނީ ރާއްޖެއިން ބޭސް ލިބުމުގެ ދަތިކަން ބޮޑުވެ، ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފަށް ބޭސް އެތެރެކުރާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މިހާރު ވަނީ ބޭސް ގެނައުމުގެ ކަންކަން ބެލެހެއްޓުމަށް ވަކި ކުންފުންޏެއް އުފައްދައި، އެސްޓީއޯގެ ފާމަސީތައް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، ބޭސް ލިބުމުގެ ދަތިކަމަށް އަދިވެސް އެދެވޭ ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، އެކަން ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު