ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭނުންވާ ހުރިހާ ބޭހެއް ހޯދުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރަމުން އަންނަކަމަށް ސިއްޙީ ވުޒާރާގެ ފަރާތުން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިފަދައިން ހާމަކުރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭނުންވާ ބައެއް ބޭސްތައް ނުލިބޭތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން ސިއްޙީ ވުޒާރާ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އިސް ބައެއް ވެރިން މަޖިލީހަށް ހާޒިރުކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސިއްޙީ ވުޒާރާގެ ކޮމިޝަނާރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ނަފްސާނީ ބައްޔަށް ފަރުވާ ދޭ ބޭސްތައް ނުވަތަ ސައިކޭޓްރިކް ބޭސްތައް ކެޓެގަރައިޒްކޮށް، ‘ނެޝަނަލް އެސެންޝަލް މެޑިސިން’ ނުވަތަ ކޮންމެހެން ވެސް ބޭނުންވާ ބޭހުގެ ލިސްޓުގެ ގޮތުގައި އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ބަލާއިރު އެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން ފަސް ބޭހެއް އެސްޓީއޯއަށް އެތެރެކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އެ ފަސް ބޭހަކީ، އެހެން ގައުމުތަކުގައި ވެސް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ބޭހެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ބޭސްތައް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، އެޓެންޝަން ޑެފިސިޓް ނުވަތަ ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ބޭހެއް، ޤާނޫނުގެ ދަށުން އެތެރެ ނުކުރެވޭތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވީ، އެ ބޭހަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ޤާނޫނުން ކަނޑައަޅާފައިވާ ކަމަށާއި، އެ ކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޖަލީލާ ވިދާޅުވި ގޮތުގައި އެ ޤާނޫނަށް އިސްލާހު ގެނެސްގެން، ބޭސް އެތެރެ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި އެކަން ކޮށްދިނުމަށް މިދިޔަ ޖުލައި މަހު މަޖިލީހުގައި ވެސް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު