ރަޝިޔާގެ ދިދަޖެހި ތެޔޮ ޓޭންކަރެއް ހިފުމަށް އެމެރިކާ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.
ތެޔޮ ޓޭންކަރު ހިފުމުގެ އޮޕަރޭޝަންގައި އެމެރިކާގެ ކޯސްޓް ގާޑާއި، ސިފައިންވެސް ހަރަކާތްތެރި ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތެޔޮ ޓޭންކަރު ވެނެޒުއެލާއިން ފުރައިގެން ދަތުރު ފެށުމާއެކު، އެމެރިކާ ސިފައިން ދިޔައީ އެ ޓޭންކަރަށް ފާރަލަމުންނެވެ.
އަދި އެ ޓޭންކަރު ހިފުމަށް އެމެރިކާ ސިފައިން މަސައްކަތް މިފެށީ އެ ޓޭންކަރު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށެވެ.
ރަޝިޔާ ސަރުކާރުގެ ޓީވީން ބުނެފައިވަނީ، އެމެރިކާ ސިފައިން ހެލިކޮޕްޓަރުގައި ގޮސް، ޓޭންކަރަށް ފައިބަން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމެރިކާ ސިފައިންގެ ހެލިކޮޕްޓަރެއް ޓޭންކަރު މަތިން އުދުހި ހޯރައަޅަމުންދާ މަންޒަރުގެ ފޮޓޯއެއްވެސް ރަޝިޔާގެ އާރްޓީން ދައްކާފައި ވެއެވެ.
ރަޝިޔާ ސަރުކާރުގެ ޚާރިޖިއްޔާއާ ހަވާލާދީ އާރްޓީން ބުނެފައިވަނީ، ތެޔޮ ޓޭންކަރުގައި ޖަހާފައިވަނީ ރަޝިޔާގެ ދިދަ ކަމަށާއި، އެ ޓޭންކަރު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
އެހެންކަމުން، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރުމަށް ޓޭންކަރަށް ލިބިގެންވާ ހައްގަށް އިހްތިރާމް ކުރުމަށް ރަޝިޔާގެ ޚާރިޖިއްޔާއިން ހުޅަނގުގެ ގައުމުތަކަށް ގޮވާލާފައި ވެއެވެ.
އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ ސިފައިން މިހާރުވަނީ ތެޔޮ ޓޭންކަރު ހިފާފައެވެ.
“މެރިނޭރާ” ގެ ނަމުން ނަން ދީފައިވާ މި ޓޭންކަރަކީ ރަޝިޔާގެ އަމިއްލަ ކުންފުންޏެއްގެ ޓޭންކަރެއް ކަމަށް ވެއެވެ.
ކިޔުންތެރިންގެ ހިޔާލު