އަންނަ މަހު މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ވާދަކުރާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު 18 ކުޅުންތެރިންނަށް މަދުކޮށްފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަދު އިޢުލާންކުރި ސްކޮޑުގައި 4 ގޯލުކީޕަރުން ހިމެނެއެވެ.
މީގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަބްދުالله ޖުނައިދު ވެސް މި ސްކޮޑުގައި ވަނީ ހިމަނާފައެވެ. އޭނާ ޤައުމީ ފުޓުސަލް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ އެކަމަށް ބޭނުންވެގެން އެދުމުން، ބުރު ސްޕޯޓްސް ކްލަބުން އޭނާއަށް ރިލީސް ދިނުމުންކަމަށް ވެއެވެ.
އަދި މި މަހުގެ ކުރީ ކޮޅު އޮޑި ސްޕޯޓްސް ކްލަބާ ގުޅުނު އަޔާޒު އަޙުމަދު ޤައުމީ ސްކޮޑުގައި ނުހިމެނެއެވެ. އޭނާއަކީ ޤައުމީ ފުޓުސަލް ޓީމަށާއި ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައިޥާ ހަމައެކަނި ކުޅުންތެރިޔާއެވެ.
18 ކުޅުންތެރިންގެ ޤައުމީ ފުޓްސަލް ސްކޮޑު:
މުޙައްމަދު ލުފްސާން (ގކ)
އިބްރާޙިމް ނާޖިހު (ގކ)
އަބްދުالله ޒިމާމް (ގކ)
ޒައިދާން އަޙުމަދު (ގކ)
މުޙައްމަދު އިމްރާން
އިޝާން އިބްރާޙިމް
ޢަލީ ޝިޔާޙް
ޢަލީ ޝަމާލް ޢަބްދުالله
އަޙުމަދު ރާޙިލް ރަޝީދު
ޙުސެއިން ސުހެއިލް
ހުޒައިފަތު ރަޝީދު
އިސްމައިލް ވަޖީޙް
މުޙައްމަދު އިސާމް
ޢަބްދުالله ޖުނައިދު
ޢަބްދުالله ޝާފިއު
ޙުސެއިން ޝަރީފް
ޢަލީ ހައިސަމް
އަޙުމަދު ޙަމީދު
އުޒްބެކިސްތާނަށް ނިސްބަތްވާ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފެށީ މި މަހުގެ 1ވަނަ ދުވަހުއެވެ.
މުބާރާތަށް ދާނީ 14 ކުޅުންތެރިންކަމަށް އެފްއޭއެމްއިން ވަނީ ކުރިން ހާމަކޮށްފައެވެ. އެހެންކަމުން މުބާރާތަށް ދިއުމުގެ ކުރިން އަދި މި ސްކޮޑުން 4 ކުޅުންތެރިއަކު މަދުކުރާނެއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ޖެނުއަރީ 14-26 އަށެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ ޕާކިސްތާންއާއެވެ.
ކިޔުންތެރިންގެ ހިޔާލު