“‘ޓެރަރިޒަމް” ގެ ކުށް ސާބިތުވާ ފަލަސްތީނު ގައިދީންނަށް މަރުގެ އަދަބު ދިނުމަށް ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރުމުން، ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރް ބެން-ގްވީރް ޕާލަމެންޓުގައި މެޓާ ބަހައިފިއެވެ.
ފަލަސްތީނު ގައިދީންނަށް މަރުގެ އަދަބު ދިނުމުގެ ބިލަކީ ބެން-ގްވީރް ހުށަހެޅި ބިލެކެވެ.
120 މެމްބަރުން ހިމެނޭ އިސްރާއީލުގެ ޕާލަމެންޓުން ބިލް ފާސްކުރަން 39 މެމްބަރުން ވޯޓު ދިންއިރު ބިލާ ދެކޮޅަށް ވޯޓު ދިނީ 16 މެމްބަރުންނެވެ.
“‘ޓެރަރިޒަމް” ގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޕީނަލް ކޯޑަށް އިސްލާހް ގެނައުމަށް މީގެކުރިން ހުށަހެޅި ބިލްތައް ވަނީ ފެއިލް ވެފައެވެ.
ނަމަވެސް، ބެން-ގްވީރް ހުށަހެޅި ބިލް މިއަދު ފާސްވެގެންދިޔައީ މުޖުރިމު ނަތަންޔާހޫގެ ޕާޓީންވެސް ވޯޓު ދިނުމުންނެވެ. މާނައަކީ މި ބިލަކީ ނަތަންޔާހޫގެ ތާއީދުވެސް އޮތް ބިލެއް ކަމެވެ.
މިބިލް ގާނޫނަކަށް ވެގެންދާނީ، ބިލުގެ ދެވަނަ އަދި ތިންވަނަ ކިއުންވެސް ޕާލަމެންޓުން ފާސްކުރުމުންނެވެ.
ފުރަތަމަ ކިއުން ފާސްވުމުން އެކަމުގެ އުފަލުގައި ބެން-ގްވީރްވަނީ ޖަލްސާކުރާ މާލަމުގެ ތެރޭގައި ހިނގައި އެންމެނަށް މެޓާ ބަހާފައެވެ.
އޭނާއަކީ ފަލަސްތީނު މީހުން ދެކެ ވަރަށް ރުޅިއަރާ، ފަލަސްތީނު ހުރިހާ އެންމެން މަރައިހުސްކޮށްލަން ނުވަތަ ފަލަސްތީނު އެންމެން އެމީހުންގެ ގެދޮރާއި ބިންތަކުން ނެރެ ފައްސާލުމަށް ގަދައަޅައި މަސައްކަތްކުރާ ޓެރަރިސްޓެކެވެ.
ބިލް ފާސްވުމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެކަމަށް މަރްހަބާ ކިޔައި އޭނާ ބުނެފައިވަނީ މިކަމުގެ ސަބަބުން އޭނާގެ ޖުއިޝް ޕަވަރ ޕާޓީ ތާރީޚްގެ ތެރެއަށް ވަދެގެން ގޮސްފައިވާ ކަމަށެވެ.
ބެން-ގްވީރް ޕާލަމެންޓަށް ހުށަހެޅި “‘ޓެރަރިޒަމް” ގެ ބިލު އިބާރާތް ކޮށްފައި އޮތްގޮތުން މިއީ ސީދާ ފަލަސްތީނު މީހުންނަށް މަރުގެ އަދަދު ދިނުމަށް ކުރަންއުޅޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ.
އެއީ، އޭގައި ބުނެފައިވަނީ، މަރުގެ އަދަބު ދެވޭނީ ޔަހޫދީން ވަޒަންވެރިވުމާ ދެކޮޅު ހަދައި އަދި ޔަހޫދީ ދައުލަތަށް ގެއްލުން ދިނުމުގެ މަގްސަދުގައި އިސްރާއީލު މީހުން މަރާ މީހުންގެ މައްޗަށް ކަމަށެވެ. މީގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މަރާ، ހަރުކަށި ޔަހޫދީ ވަޒަންވެރިންނަށް މަރުގެ އަދަބުދޭ ވާހަކައެއް ނެތެވެ.
ބެން-ގްވީރްގެ ބިލު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެތައް ޖަމާއަތަކުން ކުށްވެރި ކޮށްފައި ވެއެވެ. މިއީ، ސީދާ ފަލަސްތީނު ރައްޔިތުން ތަފާތުކޮށް އެމީހުންނަށް މަރުގެ އަދަބުދޭން ކުރާ ކަމެއް ކަމަށް ބުނަމުން ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު