ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ލެންސްއާ ދެކޮޅަށް ކުޅުނު މެޗު 1-9 ގެ ތާރީޚީ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، އިޓަލީގެ ކޯމޯ އިން އެ މުބާރާތުގައި އިޓަލީގެ ޓީމަކުން ހޯދި އެންމެ ބޮޑު މޮޅުގެ އައު ރެކޯޑެއް ގާއިމުކޮށްފިއެވެ.

ލެންސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ކޯޗު ސެސްކް ފަބްރެގަސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކޯމޯ އިން ވަނީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފަހު ވަގުތާ ހަމައަށް ވެސް މޮޅު ކުޅުމެއް ދައްކައި، މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ.

މި މެޗުގައި ކޯމޯގެ ތަރި ޑޫވިކަސް ވަނީ ހެޓްރިކް ފުރިހަމަކޮށް، ޗެމްޕިއަންސް ލީގުގައި ކޯމޯ ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ވެސް ލަނޑު ޖަހައިގެން، ޔުވެންޓަސްގެ ކުރީގެ ލެޖެންޑް އަލެސަންދްރޯ ޑެލް ޕިއޭރޯ ހަދާފައިވާ ރެކޯޑާ ހަމަހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނިކޯ ޕާޒް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލިބަރާލީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖެހުމުގެ އިތުރުން ދެ އެސިސްޓް ހަދާފައެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ކޯމޯގެ ދާ ކުންހާ، ކެމްޕްފް، ބަޓުރީނާ އަދި އަލަށް ކުޅެން އެރި ޕަޕަޗިއޯލީ ވެސް ވަނީ އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައެވެ. ލެންސްގެ ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ އަގީލާއެވެ.

މި މެޗުގައި ފަބްރެގަސް ދެއްކި ފުރިހަމަ ޓެކްޓިކަލް މޮޅު ކުޅުމާއެކު، ކޯމޯ މިހާރު ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައި، ގަދަ 16 ގެ ބުރުން ސީދާ ޖާގައެއް ހޯދުމާ ގާތަށް ޖެހިލާފައެވެ. އަދި ކުރިއަށް އޮތް ސެރީ އޭ މެޗުގައި ވާދަވެރި އިންޓަ މިލާނާ ދެކޮޅަށް ކުޅެން އޮތް މުހިންމު މެޗަށް ތައްޔާރުވުމުގެ ގޮތުން، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިނުމަށް ވެސް މި މެޗުން ފަބްރެގަސްއަށް ފުރުސަތު ލިބިގެންދިޔައެވެ.