ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޕާކިސްތާނުގެ 5 ޔުނިވަރސިޓީއާއެެކު ތަޢުލީމީ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުން އިސްލާމްއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ޤައުމުގެ އެކި ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި، އެހެނިހެން ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ، ޕާކިސްތާނުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީއާއި، ޔުނިވަރސިޓީ އޮފް ވަހްއާއި ގަވަރމެންޓް ކޮލެޖު ޔުނިވަރސިޓީ ލަހޯރާއި، ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު އަދި ޕީރް މެހެރް އަލީ ޝާޙް އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީއާއެކުގައެވެ.

އިޝްތިހާރު އިޝްތިހާރު

ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުގެ ޗެއަރޕާސަން ޕްރޮފެސަރ ޑރ. ނިއާޒު އަޙްމަދު އަޚްތަރު ވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިރާސާ ކުރުމުގެ ރޮނގުންނާއި، ފެކަލްޓީ އަދި ދަރިވަރުންގެ އެކްސްޗޭންޖު ޕްރޮގްރާމްތަކާއި ތަޢުލީމާ ގުޅުންހުރި ކޮންފަރެންސްތަކާއި ސެމިނާތަކާއި ގުޅިގެން ޑުއަލް ޑިގްރީ ޕްރޮގްރާމުތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ވަނީ، އެ ޔުނިވަރސިޓީއާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްސަ އެއްވުމެއް ބޭއްވުމަކީ ދެ ޤައުމުގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ގުޅުން ހަރުދަނާ ކުރުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވައި ވައިސް ޗާންސެލަރ ވިދާޅުވީ، އެ ގުޅުންތަކުގެ ސަބަބުން ޔުނިވަރސިޓީގެ ޕްރޮގްރާމްތަކާއި ރިސާރޗް އަދި ޑިވެލޮޕްމަންޓް އިނީޝިއޭޓިވްތަކުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، ޕާކިސްތާނުގެ ފަސް ޔުނިވަރސިޓީއާއެކު ޤާއިމުކުރި މި ފަހުމުނާމާތަކާއެކު އެކި ދާއިރާތަކުން ތަމްރީނާއި ތަޢުލީމު ބަދަލުކުރެވޭނެ ކަމަށެވެ.

މިއީ، ޤައުމީ ޔުނިވަރސިޓީގެ 2026-2030ގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ޤާއިމުކުރި އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތައް ހަގީގަތަކަށްވެ، އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުދައްރިސުންނާއި، ދިރާސާވެރިންނަށް އޭގެ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.