ޕިންކް ރިބަން ރަން ނުވަތަ ވޯކް 2026 ބާއްވައިފިއެވެ.
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ މިހަރަކާތް މާލޭގައި ކުރިއަށްގެންގޮސްފައިވަނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ.
މި ހަރަކާތުގައި މާލޭގެ އިތުރުން އަތޮޅުތެރޭންވެސްވަނީ ބައިވެރިވެފައެވެ. އެގޮތުން 47 ރަށެއްގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވާއިރު، 9 ރިޒޯޓެއް ހިމެނޭހެން ޖުމްލަ 56 ސަރަހައްދަކުން ހަތަރުހާހަށްވުރެ ގިނަ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.
"45 މިނިޓް މިއަދު، ދިރިއުޅުމަށްޓަކައި ދުޅަހެޔޮ އާދައެއް" މި ޝިއާރުގެ ދަށުން މިއަހަރުގެ ދުވުން ނުވަތަ ހިނގާލުން ބާއްވާފައިވާއިރު، މިހަރަކާތުގެ ތެރެއިން ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތަކަށް ނުވަތަ ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތަކަށް ބިބް ޚާއްސަކުރުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފައެވެ.
ކެންސަރ ސޮސައިޓީން ހާމަކޮށްފައިވާގޮތުގައި މިފަދަ ހަރަކާތެއްގެ ބޭނުމަކީ މި ބައްޔަށް އާންމުން ހޭލުންތެރިކުރުމާ، މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ހެލިފެލިވެ އުޅުމުގެ އާދަޔާއި، ސިއްހީގޮތުން ދުޅަހެޔޮ އާދަތައް އާންމުންގެ ކިބައިގައި އަށަގެންނެވުމެވެ.
އެގޮތުން އެނާޖީ ޑްރިންކް ފަދަ ހަށިގަނޑަށް ގެންލުންވާ ބުއިންތަކާއި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ނުރައްކާތެރި ކަންކަމުން ދުރުހެލިވުމަށް ބޭނުންވާނެ ގިނަ މެސެޖުތަކެއް މި ހަރަކާތުގެ ތެރެއިންވަނީ ފޯރުކޮށްދީފައެވެ.
އެކި އުމުރުފުރާތަކުން ގިނަ އަދަދެއްގެ ބަޔަކު މި ހަރަކާތުގައި ބައިވެރިވިއިރު، ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރުކަމަށްވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން މިހަރަކާތް ފަށާފައިވަނީ 2016 ވަނަ އަހަރެވެ.
އޮކްޓޯބަރު މަހު ބާއްވަމުން އަންނަ މި ހަރަކާތަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކާއި، ބަލިން ސަލާމަތްވެފައިވާ ފަރާތްތަކުގެ އިތުރުން، އެފަރާތްތަކުގެ އާއިލާތަކުގެ މެމްބަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިކަމުގައި އާންމުން ބައިވެރިވެ މިބައްޔަށް އާންމުން ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީން ކުރަމުންދާ މަސައްކަތަށް ދެމުންދާ އެއްބާރުލުމަށް، އެއެސޯސިއޭޝަނުންވަނީ ޝުކުރުއަދާކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.