ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގާ 500 ހެކްޓަރުގެ ސަރަހައްދުގައި ދިވެހި ފުލުހުންގެ މަރުކަޒެއް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރަައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫޢު ހިންގާ 500 ހެކްޓަރުގެ ސަރަހައްދުގައި ފުލުހުން ތިބޭނެތޯ ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގައި ފުލުހުން ޤާއިމުވެ ތިބޭނެ ކަމަށާ އީގަލް ހިލްސްއިން މަޝްރޫއު ހިންގާ ސަރަހައްދުގައި ވެސް ފުލުހުން ތިބޭނެ ކަމަށެވެ. އަދި ފުލުހުންގެ ސްޓޭޝަން ހުންނާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ. އަދި ވިދާޅުވީ އެތަނަކީ ރާއްޖެއިން ބޭރުގެ ތަނެއްކަމަށް ދައްކަން ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރާ ވާހަކަތަކެއްް ކަމަށެވެ.
"އެތަނުގައި ހުންނާނެ ދިވެހި ފުލުހުންގެ ހިދުމަތުގެ ފުލުހުންގެ މަރުކަޒެއް. އެބަ ވާހަކަދައްކާ އެތަނުގައި ދިވެހި ފުލުހުންގެ ސްޓޭޝަނެއްވެސް ނުހުންނާނެއޭ،" ރައީސް ވިދާޅުވި އެވެ.
ރަސްމާލޭގެ މައްޗަށް ހިނގާނީ ރާއްޖޭގެ ސިޔާދަތު، އެހެން ދީނެއްގެ ޝިއާރު ފާޅުނުކުރެވޭނެ
ރައީސް ވިދާޅުވީ ރަސްމާލޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް ގާއިމުކުރެވި އެތަނުގައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވާހަކަދައްކަނީ ސިޔާސީ މަގުސަދެއްގައި އެ މަޝްރޫއުގެ އަގުވައްޓައިލުމަށް މަސައްކަތްކުރާ މީހުން ކަމަށެވެ.
ރަސްމާލެއަކީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ހިނގާ ސަރަހައްދުގައި އޮތް ބިމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބިމަކީ ހުރިހާ ގޮތަކުން ރާއްޖޭގެ އިމުގެ ތެރޭގައި އޮތް އެތަނުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހިނގާނެ ތަނެއް ކަމަށެވެ.
"އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއްގޮތަކަށްވެސް ފުރުސަތެއް އޮތްކަމެއް ނޫން، އެހެން ދީނެއް ޕްރެކްޓިސްކުރުން އެތަނުގައި، ނުވަތަ އެހެން ދީނެއްގެ މީހުން އެމީހުންގެ ދީނީ ކަންކަން ކުރުމަށްޓަކައި އެކި ކަހަލަ ކަންކަން ހިންގުމަށް ފުރުސަތު ދިނުމަކީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން އަދި ހިންގޭނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް ހުރިހާ ވަގުތެއްގައި 200،000 އެއްހައި ޓޫރިސްޓުން އުޅޭކަމަށާއި، އެއްވެސް ރިސޯޓެއްގައި އެހެން ދީނެއްގެ އަޅުކަންކުރާ އިމާރާތެއް ނުހުންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެމީހުންނަށްވެސް ރާއްޖޭގައި އެމީހުންގެ ދީނުގެ އަޅުކަންކުރުމުގެ ފުރުސަތު ދީފައި ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި އެހެން ދީނެއްގެ ޝިއާރުތައް ތަންފީޒުކުރަން ފުރުސަތު ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.