ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑަރެކްޓަރީއެއް އެކުލަވައިލައްވައި، އެ ޑަރެކްޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޑައިރެކްޓަރީއަކީ “މޯލްޑިވްސް 2.0” ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެކެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޑަރެކްޓަރީގެ ވެބްސައިޓްގެ އެޑުރެހަކީ directory.presidency.gov.mv އެވެ.
މި ޑައިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކުޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، އެ މުއައްސަސާގެ އިސް ވެރިޔާގެ ގޮތުގައި އެ މުއައްސަސާއަކުން ކަނޑައަޅާ ފަރާތުގެ ނަމާއި މުއައްސަސާގެ އެޑްރެހާއި މުއައްސަސާއަކާއި މުވާސަލާތުކުރެވޭނެ ގޮތް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކްތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ މުއައްސަސާއަކުން ޑައިރެކްޓަރީގެ ވެބްސައިޓުގައި، މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމޭލު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެ ކަމެއް ހުށަހަޅުއްވަންވާނެއެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ، މި ޑައިރެކްޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.











ކިޔުންތެރިންގެ ހިޔާލު