ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ 29 ވަނަ ދުވަހަށް ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއީ ވަކީލުންގެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވާފައިވަނީ އިއްޔެ ބޭއްވި އަޑުއެހުމުގައެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި، ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމި ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމިފައިވާތީ ދެން އޮންނާނީ ހުކުމް ކުރުމެވެ. އެހެންވެ ހުކުމް އިއްވުމުގެ އަޑުއެހުން މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދިފާއީ ވަކީލުންގެ ހުލާސާ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވަނީ ހިޔާލީ އެންމެ މެސެޖެކެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ރައީސް ޔާމީނާ އެއް ހާލަތެއްގައި ހުރި އެހެން މީހަކު މި މައްސަލައިގައި ނެތް ކަމަށެވެ.
މި މައްސަލައިގައި ފުރަތަމަ ތުހުމަތުކުރި 6 ފަރާތުގެ ތެރެއިން ރައީސް ޔާމީން ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްވެފަ އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
މި މައްސަލައިގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވައިފައެވެ.
އަދި ކްލެސިކް ހޯލްޑިންސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، ރިސޯޓުގެ ހިއްސާތައް އެހެން ކުންފުންޏަކަށް ވިއްކާލިއިރު ރަށް އަތުލުމުގެ އެއްވެސް ކަމެއް ހިންގާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކޮށްފައިވަނީ ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށެވެ.











ކިޔުންތެރިންގެ ހިޔާލު