17 ވަނަ ޤައުމީ ދިގު ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހީމް އާއި އަލްޔާ އަޝްރަފް ހޯދައިފިއެވެ.
މި މަހުގެ 9-10 އަށް ކުޑަގިރީގައި ކުރިއަށްދިޔަ މި މުބާރާތުގައި ބައިވެރިވި ބައިވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، މަދުކަމަށް މޯލްޑިވްސް އެކުއެޓިކްސްއިން މައުލޫމާތުދެއެވެ. އެއީ މިދުވަސްވަރު ދެ އިމްތިހާނެއް ރާއްޖޭގައި ކުރިއަށްދާތީ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މި ފަހަރުގެ މުބާރާތުގައި ފަސް ކިލޯމީޓަރުގެ ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހީމް ހޯދިއިރު، ދެވަނަ އަށް ދިޔައީ ޔޫސުފް ޒިޔާން ޒާހިދު އެވެ. އަދި ތިންވަނަ އަށް ފަސް ކިލޯމީޓަރުގެ ރޭސް ނިންމީ އަހުމަދު މަންހާލް އާޒިމްއެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރުގެ އިވެންޓް އަލްޔާ އަޝްރަފް ކާމިޔާބުކުރިއިރު، މި އިވެންޓުގެ ދެވަނައަށް ދިޔައީ ލައިބާ ހަސަން މަނިކުއެވެ. މި އިވެންޓުގައި ބައިވެރިވީ ދެ އެތުލީޓުންނެވެ.
މި ފަހަރުގެ މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް ޔުއާން ޝަމީމްއެވެ. ދެވަނަ އަށް ދިޔައީ، މިކާއިލް ލައެލް އަބްދުލް އަލީމް އެވެ. އަދި ތިންވަނަ އަށް ދިޔައީ އިސްމާއިލް ޒިވަން މުހައްމަދު އެވެ.
ޖޫނިއާ އަންހެން ޗެމްޕިއަންކަން ހޯދީ މަރިޔަމް އައިރާ ޝިރްނީލްއެވެ. ދެވަނައަށް އައިމިނަތު ޝިޔުމް ޝިހާމް ރޭސް ނިންމިއިރު، ތިންވަނައަށް ދިޔައީ އައިޝަތު ޒޯހާ އަބްދުﷲ ނަސީމްއެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ ޓީމް އިވެންޓްކަމަށްވާ ރިލޭ އިވެންޓުގެ އެއްވަނަ ޓައިޑް ބްރޭކާސް ޓީމުން ހޯދިއިރު، ޓިމް އޭއިން ވަނީ ދެވަނަ ހޯދައިފައެވެ. އަދި ތިންވަނައަށް ދިޔައީ ބޯވަ ސްކޮޑެވެ. ބޯވަ ސްކޮޑާއި، ޓައިޑް ބްރޭކާސްއަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުގެ ދެ ޓީމެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް އީއޭޑީ ކެޓަގަރީވެސް ވަނީ ހިމަނައިފައެވެ.











ކިޔުންތެރިންގެ ހިޔާލު