ކުޅިވަރު އެސޯސިއޭޝަންތަކުން މާލީ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާތީ، ކުރިއަށްއޮތް ތަނުގައި ގަވާއިދުތަކުގެ ތެރެއިން އެކަން ލާޒިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވިދާޅުވެއްޖެއެވެ.
އޭސީސީން ވަނީ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ކުޅިވަރު ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށްގެންދާ ގޮތްތަކާއި، ކުޅިވަރު އެސޯސިއޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ދިރާސާކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އޭސީސީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕްރިވެންޝަން ފާތިމަތު އިބްނާ ވިދާޅުވީ، ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށް އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ދިރާސާއިން ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދިރާސާ ކުރިއަށްދިޔަ މުއްދަތުގައި ކުޅިވަރުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާނެ ކަމަށް އިބްނާ ފާހަގަކުރެއްވިއެވެ.

“ދިރާސާގެ މަސައްކަތްތައް ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި ކުޅިވަރުގެ ގާނޫނުތަކަށް ވަރަށް ބޮޑަށް އިސްލާހުތަކެއް ގެނެވި، އައު ގާނޫނެއްގޮތަށް ހަމަ ފްރޭމްކުރެވިގެންދިޔައީ. އޭގެ ތެރޭގައި ވަރަށް ގިނަ އައު ކަންތައްތަކެއްވެސް ތައާރަފްްކުރެވިގެންވެސް ގޮސްފި. އެގޮތުން އަޅުގަނޑުމެންގެ ދިރާސާ ރިޕޯޓުގެ ފައިންޑިންގްސްތައްވެސް ރިވިއުކޮށްލަންޖެހުނު އަޅުގަނޑުމެންދޭ ލަފަޔާއި އޯލަރެޑީ ގާނޫނުން އެޔަށް ހައްލުތަކެއް ހުރިތޯ ނެތްތޯ ބެލާ ރިވިއުކުރުމުގެ ޕްރޮސެސްއެއްވެސް ކުރިއަށްގެންދަން ޖެހުނު.” އިބްނާ ވިދާޅުވިއެވެ.
އިބްނާ ވިދާޅުވީ، ގާނޫނުގައި ހުރި ފުށުއަރާ ބާރުތަކާއި މަސްއޫލިއްޔަތުތައް ހައްލުކުރުމުގެ އިތުރުން، ގަވާއިދުތަކުން ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށް ވުޒާރާއާއެކު އެކި މަރުހަލާތަކުގައި މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާނެއެވެ. އަދި އެ ހުށަހެޅުންތައް ވުޒާރާއިން ބަލައިގަނެ، އެކުލަވާލަމުންދާ ގަވާއިދުތަކުގެ އިސްލާހުތަކުގެ ތެރޭގައި ހިމަނާނެކަމަށް އަންގާފައިވާ ކަމަށްވެސް އިބްނާ ވިދާޅުވިއެވެ.
“މިހާރުވެސް އެބޭފުޅުންގެ ގަވައިދުތަކަށް ޑްރާފްޓުކުރަމުންދާ އިސްލާހުތަކުގެ ތެރޭގައި އެކަންކަން ހިމަނުއްވާނެ ކަމަށް އަޅުގަނޑުމެންނަށް އެބަ އޮތް އަންގަވާފައި. ދެން އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ދިރާސާގެ ތެރެއިން ފާހަގަކުރެވުނު އެއް ކަމެއް އެއީ މާލީ ބަޔާންތައް ހުށަހަޅަންނުޖެހޭކަމާާއި، މާލީ ބަޔާންތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެސޯސިއޭޝަންތަކުން ދައުލަތުގެ އިދާރާތަކުން މި ބަލަހައްޓަމުންދާ މިންގަޑާއެއްގޮތަށް ބަލަހައްޓަމުން ނުދާކަން.” އިބްނާ ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކަށް މާލިއްޔަތު ގަވާއިދާއި އަރުޝީފު ގާނޫނުގެ ދަށުން މާލީ ލިޔެކިޔުންތައް ބެލެހެއްޓުން ލާޒިމުވި ނަމަވެސް، ކުޅިވަރު އެސޯސިއޭޝަންތަކަށް އެ ގަވާއިދުތައް ލާޒިމުނުވާތީ އެކަށީގެންވާ ގޮތެއްގައި މާލީ ބަޔާންތަކާއި ލިޔެކިޔުންތައް ބަލަހައްޓަމުން ނުދާކަން ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މާލިއްޔަތު ގަވާއިދުގައި ނެތް ނަމަވެސް، ކުރިއަށްއޮތް ތަނުގައި ވުޒާރާގެ ގަވާއިދުތަކުގެ ތެރެއިން އެ އުސޫލުތައް އެސޯސިއޭޝަންތަކަށް ލާޒިމުވާނެ ގޮތަށް ހަމަޖައްސައިދޭނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން އޭސީސީއަށް ވަނީ އަންގާފައެވެ










ކިޔުންތެރިންގެ ހިޔާލު