ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ އިނީޝިއަލް ކޮމިޓުމެންޓެއްގެ ގޮތުން ހުޅުމާލޭގައި އިމާރަތްކުރާ ބޮޑު ހައުސިންގ މަޝްރޫޢުގެ ކޮންސެޕްޓް ޑިޒައިންތައް ސަރުކާރުން މިއަދު ޢާންމުކޮށްފިއެވެ.
ރަސްމާލޭގައި ތަރައްޤީކުރާ ވޯޓާ ފްރަންޓު މެރީނާ ތަރައްގީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން، އެ ކުންފުނީގެ އަމިއްލަ ފައިނޭންސިންގައި 5،000 ހައުސިން ޔުނިޓުގެ ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށްގެންދަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޕްލެޓްފޯމް ‘ދަ ފީޑް’ މެދުވެރިކޮށް އާންމުކުރި ވީޑިއޯގައިވާ ގޮތުން މި ޑިޒައިން އެކުލަވާލާފައިވަނީ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުންނެވެ. މި މާސްޓަރޕްލޭނަކީ ރާއްޖޭގެ ރަށްތަކުގެ އަރބަން ދިރިއުޅުމަށް ޒަމާނީ ބަދަލުތަކެއް ގެނެސްދޭ ގޮތަށް، އުސް ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ޢާންމު ޚިދުމަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

މި ކޮންސެޕްޓްގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޑާއި ފަޅުގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އުސް އެޕާޓްމަންޓް ކޮމްޕްލެކްސްތަކާއި، ފެހިކަން ގިނަ ޓެރަސްތައް ހިމެނެއެވެ. އަދި އަތިރިމައްޗާ ގުޅިފައިވާ ސަރަޙައްދުގައި ފިހާރަތަކާއި ވިޔަފާރިތަކަށް ޚާއްޞަ މަލްޓި-ލެވެލް އާކޭޑްތަކާއި، ހިނގާ މަގުތަކާއި، ހިޔާކޮށްފައިވާ ބޭރު އިށީންނަ ތަންތަން ހިމެނެއެވެ.
މީގެ އިތުރުން ގޮނޑުދޮށާ ކައިރީގައި ވިނަ އިންދާފައިވާ ސިޑިބަރިތަކާއެކު ތަރައްޤީކުރާ ފުޓްބޯޅަ ސްޓޭޑިއަމަކާއި، މޫދަށް އެރޭނެ ވަސީލަތްތަކާއި، މޫދު ކައިރީގައި އަޅާ ބޮޑު މިސްކިތެއް ވެސް މި ޑިޒައިންގައި ހިމެނެ އެވެ. ގަސް އިންދާފައިވާ ފުޅާ މަގުތަކުގެ އިތުރުން ދެމެހެއްޓެނިވި ދަތުރުފަތުރަށް ބާރުއެޅުމުގެ ގޮތުން ބައިސްކަލް ދުއްވާނެ ޚާއްޞަ ލޭންތައް ވެސް ހިމަނާފައިވެ އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. މި ހައުސިން ޔުނިޓުތައް އަޅަން ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށާއި، ނަމަވެސް އެ ތަންތަނުން ސަރުކާރަށް ލިބޭ ފައިސާއިން އެ ޔުނިޓުތަކުގެ އަގު ކުންފުންޏަށް ދިވެހި ސަރުކާރުން އަދާކުރަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މީގެކުރިން ވިދާޅުވެފައިވެ އެވެ.
ރަސްމާލެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ސަރުކާރުން އީގަލް ހިލްސްއަށް ޖުމްލަ 1،100 ހެކްޓަރުގެ ބިމުން 500 ހެކްޓަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.










ކިޔުންތެރިންގެ ހިޔާލު