ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވާރޭވެހި، ބައެއް ސަރަޙައްދުތަކަށް ގުގުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ވިދާޅުވެއްޖެއެވެ. ވާރޭ ވެހުނު ނަމަވެސް އާންމުކޮށް ވައި މަޑުވާނެ ކަމަށާއި، ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެހެން އަހަރުތަކުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މި އޮކްޓޯބަރު މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް އޮކްޓޫބަރު މަހު ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ. އަދި ފިނިހޫނުމިނަށް ބަލާއިރު، އޮކްޓޯބަރު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.











ކިޔުންތެރިންގެ ހިޔާލު