އަބޫދާބީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއުގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލާއްބާރު ވިދާޅުވެއްޖެއެވެ.
އަލާއްބާރު މިހެން ވިދާޅުވީ ރަސްމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ހިއްސާކުރެއްވުމަށް ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
އަބޫދާބީގައި ހުންނަ އީގަލް ހިލްސް ކުންފުނީގެ އިސްވެރިން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، މަޝްރޫއުގެ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލާއްބާރު ވިދާޅުވީ، އެ ކުންފުނިން ރާއްޖެއަށް އައީ ހަމައެކަނި ބޭރުގެ އިންވެސްޓަރެއްގެ ގޮތުގައި ހުރިހާ ފައިދާއެއް ނަގައިގެން ދިއުމަށް ނޫން ކަމަށެވެ. އަދި މުސްލިމް މުޖުތަމައަކަށް އައިސް މަސައްކަތްކުރާއިރު، އެ ގައުމެއްގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އޭގެ ހަގީގީ މަންފާ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގައި ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށާއި، މި މަޝްރޫއާއެކު ދިވެހި ވިޔަފާރިތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް ވެސް އަލާއްބާރު ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ސަރުކާރުގެ ހިއްސާ ފުރިހަމައަށް އަދާކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
ރިއަލް އެސްޓޭޓް ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ހުރި އަލާއްބާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަންނަ މަތީ ފަންތީގެ ފަތުރުވެރިން އިތުރުވެ، މުޅި އިގްތިޞާދަށް އެދެވޭ އަސަރުތަކެއް ކުރާނެއެވެ. އަދި ދިވެހި ޒުވާނުންނަށް ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އައު ހުނަރުތައް ދަސްކޮށްދީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު