ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި އެ ގައުމުގެ ކާންހޯ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ދިވެއްސަކު 20 އަހަރަށް ޖަލަށްލުމަށް އިއްޔެ ހުކުމޮށްފިއެވެ.
އުމުރުން އަންދާޒާކުރެވޭގޮތުން 39 އަހަރުގެ މުހައްމަދު އަނިލްގެ މައްޗަށް އިއްވި މި ޖަލު ހުކުމުގެ އިތުރުން، އޭނާގެ އަދަބު ފުރިހަމަވުމުން އެ ގައުމުން ޑީޕޯޓްކޮށްލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ހުކުމާ ގުޅިގެން ކޯޓުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހަވާލުކުރުމުގެ ތެރޭގައެވެ.
މި ހާދިސާ ހިނގާފައިވަނީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ކާންހޯ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތައިލެންޑުގެ ބެންކޮކުން ފުރައިގެން އައި ފްލައިޓަކުން އެއާޕޯޓަށް ފޭބުމަށްފަހު، ދަތުރުވެރިންގެ ފޮށިތަންމަތި ޗެކްކުރުމުގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންނަށް ވަނީ އަނިލްގެ ޗެކް-އިން ބެގޭޖާއި އަތްދަބަހުން މަސްތުވާތަކެތި ފެނިފައެވެ.

ތަހުގީގަށް އެނގިފައިވާގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބެންކޮކްގެ ހޮޓަލެއްގައި ހުއްޓާ، އަނިލްގެ ރަހުމަތްތެރިއެއް ކަމަށްވާ އަފޫ ނަމަކަށް ކިޔާ މީހަކު ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓް ގެންގޮސްދިނުމަށް އޭނާއަށް ހުށަހަޅާފައެވެ.
މި މަސައްކަތް ކޮށްދިނުމުގެ ބަދަލުގައި އުޖޫރައިގެ ގޮތުގައި އެއްހާސް އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، އަދި ދަތުރުފަތުރާއި ކެއުމުގެ ހަރަދަށް 500 ޑޮލަރު ދީފައިވާ ކަމަށް ތަހުގީގުން ދައްކައެވެ. އެއަށްފަހު އެ މީހާ ވަނީ އަނިލްގެ ފޮށްޓަށް މަސްތުވާތަކެތި އަޅައިދީފައެވެ.
އަނިލް އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1545 ގްރާމަށްވުރެ ގިނަ ޑްރަގް ހިމެނެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މެފެޑްރޯންއާއި އެހެނިހެން ބާވަތުގެ މަސްތުވާތަކެތި ހިމެނޭކަމަށް ކޯޓު ލިޔުންތަކުން ދައްކައެވެ.
މަސްތުވާތަކެތީގެ މި މައްސަލައިގައި އަނިލް ޓެސްޓްކުރި އިރު، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ކޯޓު ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ވިއެޓްނާމްގެ ގާނޫނުތައް އޮންނަ ގޮތުން މިފަދަ ބޮޑެތި މައްސަލަތަކުގައި ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު