ދިވެހިރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނދުދަނޑި ހާސިލުކުރުމުގެ ގޮތުން، ސޯލާ ޕީވީ ހަރުކުރާނެ އެކަށީގެންވާ ތަންތަން ދެނެގަތުމަށް ހާއްސަ ސާވޭއެއް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިރުގެ އަލިންނާއި އެހެނިހެން ގުދުރަތީ ވަސީލަތްތަކުން އުފައްދާ ތިމާވެއްޓާ ރައްޓެހި ހަކަތައަށް ހެދުމަށެވެ. މި އަމާޒަށް ވާސިލުވުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިހާރު ވަނީ ސޯލާ ޕީވީ ނިޒާމުތައް ގާއިމުކުރެވިދާނެ ތަންތަން ދެނެގަތުމަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ސައިޓް ސާވޭތައް ކުރިއަށް ގެންގޮސްފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސާވޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީ ހަރުކުރުމަށް އެންމެ އެކަށޭނަ ބިންތަކާއި، އިމާރާތްތަކުގެ ފުރާޅުތައް ފަދަ ތަންތަން ދެނެގަނެ، އެ ތަންތަނުގައި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފަންނީ މައުލޫމާތު އެއްކުރުން ކަމަށާއި މިކަމުގެ ސަބަބުން އިއާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށެވެ.

އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަކީ ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ވިދާޅުވިއެވެ.
ސަރުކާރުން ދަނީ މި ލަނދުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު