ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ “ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ” ގެ 2 ވަނަ ބެޗުގެ ފަންނީ ތަމްރީނުތައް ފުރިހަމަކޮށް، 73 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.
މި އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅަކުން 75 ދަރިވަރުން ބައިވެރިވިއެވެ. ތަމްރީނު ފުރިހަމަކުރި 73 ދަރިވަރުންގެ ތެރޭގައި 60 ފިރިހެން ދަރިވަރުންނާއި 13 އަންހެން ދަރިވަރުން ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދީފައިވަނީ މަސައްކަތުގެ މައިދާނަށް ނުހަނު ބޭނުންތެރި މުހިންމު ފަންނުތަކެކެވެ. އޭގެ ތެރޭގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖްމަންޓްގެ ދާއިރާތައް ހިމެނެއެވެ. ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދެއްވި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ހާސިލުވެގެންދަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެކެވެ.
ފާއިތުވި 9 މަސްދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކޮށް، ގައުމީ ހިދުމަތަށް ނުކުތުމަށް 136 ޒުވާނުން ވަނީ ތައްޔާރުވެފައެވެ. އަދި މި ޕްރޮގްރާމުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރައްވައި، ފަންނީ އެކި ދާއިރާތަކާއި ނޭޝަނަލް ސަރވިސް އިންޓަރންޝިޕްގެ ފުރުސަތުތައް ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމީ ރޫހާއި، އިސްލާމީ ރިވެތި އަހްލާގާއި، ގައުމިއްޔަތުގެ ފަހުރު އާލާކޮށް، ގައުމަށް ވަފާތެރި ހިދުމަތްތެރި ޖީލެއް ބިނާކުރެއްވުމަށްޓަކައި ރައީސް މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 3 ބެޗެއްގެ ތަމްރީނު ކާމިޔާބުކަމާއެކު ނިންމައި، 1،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ހިދުމަތުގެ ތަމްރީނު ފުރިހަމަކޮށްފައެވެ.











ކިޔުންތެރިންގެ ހިޔާލު